ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި އަތޮޅުގެ ތަރައްޤީއަށް މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްވެހިގެ މަރާމާތުކުރަން ބޭނުންވާކަމަށާއި ފިކްނިކް އައިލެންޑެއްގެ ގޮތުގައި ފަޅުރަށެއް ތަރައްޤީކުރުމުގެ މުހިންމުކަމާއި ވެލިނެގުމަށް ހުއްދަދީފައި އޮންނަ ސަރަޙައްދާ ގުޅޭގޮތުން އޮންނަ ކަންބޮޑުވުންތަކާއި މަސްވެރިން އެންދަމަން ބޭނުންވާ ސަރަޙައްދުތަކުން އެމަސައްކަތްކުރުމަށް އޮންނަ ހުރަސްތައް ނައްތައިލުން ހިމެނެއެވެ. މީގެ އިތުރުން ފެރީ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި ފެރީ ނިޒާމުގެ ތެރެއިން ކާގޯގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.