Ad

މަސްވެރިންނަށް ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް، ރޯދަ މަސް އައުމުގެ ކުރިން ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މަސްވެރިކަމުގެ ސިނާއަތަކީ މި ސަރުކާރުން ފުޅާކުރުމަށް އެންމެ ބޭނުންވާ އެއް ސިނާއަތްކަން ފާހަގަކުރައްވައި، މަސްވެރިންނަށް ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް، ރޯދަ މަސް އައުމުގެ ކުރިން ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުވާފަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންނަށް ދޭންވާ ފައިސާ ދެއްވުމަށްފަހު (ބެކް ލޮގް ސާފުކުރުމަށްފަހު) ދެން ބައްލަވާނީ، މަސްވެރިންނަށް ދޭންވާ ފައިސާ ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޓެކްސް ބޭސް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ނުހެދި ހުރި ރިސޯޓްތައް ހަދައި، ފަތުރުވެރިކަމުގެ ސިނާޢަތަށް އިންވެސްޓަރުން އިތުރުކޮށް، ފަތުރުވެރިކަން ފުޅާވުމުން ޓީ.ޖީ.އެސް.ޓީ އިތުރުވެ، ޓެކްސް ބޭސް ފުޅާވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ކުރައްވާނީ ރައްޔިތުންގެ ވެރިކަމެއްކަމަށެވެ. އެގޮތުން ވަރަށް ގިނަ ރައްޔިތުންނާއި، ކައުންސިލްތަކުން ފާހަގަކުރާ ރަށު ޕިކަޕަކީ، ވަރަށް ގިނަ ފަސޭހަތަކެއް ލިބޭ ދުއްވާ އެއްޗެއްކަމުގައި ފާހަގަކުރައްވައި، މި އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އެއްކޮށް އުވާލާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބި އިންޖީނުލީ އުޅަނދުގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި، އުޅަނދު ބޭނުންކުރުމަށް މަގިފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުވާފަރަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ހަތަރުވަނަ މަންޒިލެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *