Ad

އިސްރަށްވެހިންގެ މަރުކަޒުތައް 20 ރަށެއްގައި އެޅުމުގެ ޝައުޤުވެރިކަން ފާޅުކޮށްފި

އިސްރަށްވެހިންގެ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 5 އަތޮޅަކުން 20 ރަށެއްގައި އެފަދަ މަރުކަޒުތައް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އިސްރަށްވެހިންގެ ދައުރު މުޖުތަމަޢުގައި ފުޅާކުރުމުގެ ގޮތުން ފުރަތަމަ އިސްރަށްވެހިންގެ މަރުކަޒު ތަރައްޤީކޮށްފައިވަނީ މާލޭގައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް އިސްރަށްވެހިންނަށް ޚާއްސަކޮށްގެން އެފަދަ މަރުކަޒުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަތޮޅުތެރޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިސްރަށްވެހިންގެ މަރުކަޒުތަކާ ގުޅޭގޮތުން އިޖްތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކުއަލިޓީ އެޝުއަރެންސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ އައިޝަތު ނާޒް ވިދާޅުވީ އަތޮޅުތެރޭގައި އިސްރަށްވެހިންގެ މަރުކަޒު ތަރައްޤީކުރާއިރު އިސްކަން ދޭނީ ރަށެއްގައި އެކަން ކުރުމަށް ޝައުގުވެރިކަން ހުރި މިންވަރު ބެލުމަށްފަހުގައިކަމަށެވެ. އެގޮތުން މިހާތަނަށް 5 އަތޮޅަކުން 20 ރަށެއްގައި އިސްރަށްވެހިންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ނާޒް ވިދާޅުވިއެވެ.

ނާޒް ވިދާޅުވީ ރަށްރަށުގައި މިފަދަ މަރުކަޒުތައް ތަރައްޤީކުރާނީ ކައުންސިލްތަކާ އެހެނިހެން ފަރާތްތައް މެދުވެރިކޮށްކަމަށެވެ. އަދި މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކަކީ ފެންވަރު ރަނގަޅު، އިސްރަށްވެހިންނަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެއްތޯ ކަށަވަރު ކުރުމަށް 7 އަސާސެއް އެކުލަވާލާފައިވާކަމަށެވެ.

" ކުޑަ އާބާދީއެއް އޮންނަ ތަންތަނުން އެރަށްތަކުގެ ސްޓޭކްހޯލްޑަރުން އޮންބޯޑު ކޮށްގެން މި މަސައްކަތް އެރަށެއްގައި ކުރިއަށްދާނީ. މިފަދަ މަޝްރޫޢެއް ފެށުމުގެ ގޮތުން މާލޭގައި އެންމެ ފުރަތަމަ އިސްރަށްވެހިންގެ މަރުކަޒު މިހުޅުވީ. މީހުން ދިިރިއުޅޭ ކޮންމެ ރަށެއްގައި މީހުންގެ ޝައުގުވެރިކަން ހުންނަ މިންވަރުން އެތަންތަން ހެދުމަށް އެހީތެރިވެދޭނެ. އަޅުގަނޑުމެންނަކީ ބޮޑަށް ފެސިލިޓޭޓްކޮށްދޭނެ ބައެއް. ނަމަވެސް އަޅުގަނޑުމެން ކަނޑައެއް ނާޅާނެ ވަކި ރަށެއް." ޑިރެކްޓަރ އައިޝަތު ނާޒް ވިދާޅުވިއެވެ.

ނާޒް ވިދާޅުވީ އިސްރަށްވެހިންގެ މަރުކަޒުތައް ތަރައްޤީކުރާނީ އިސްރަށްވެހިންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހައިން ވަދެނިކުމެވޭގޮތަށާއި ފަސޭހައިން ޚިދުމަތްތައްވެސް ލިބޭނެ ގޮތަށްކަމަށެވެ.

އިސްރަށްވެހިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީން ކޮށްދިނުމަށްޓަކައި ތަފާތު ޚިދުމަތްތައް ހިމެނޭގޮތަށް ރާއްޖޭގެ އުތުރާއި ދެކުނާއި އަދި މެދުރާއްޖެތެރޭގައި މަރުކަޒުތަކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

އެގޮތުން މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަށާއި، އެފަރާތްތަކުގެ ސިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖައްސާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *