Ad

ދޮގު،ދޮގު،ދޮގު- ވެރިކަމަށް އަރަންވެސް ދޮގު، ވެރިކަމުގައި ހުރެވެސް ދޮގު، ވެރިކަން ގެއްލުނީމާވެސް ދޮގު

ވާހަކަދައްކަން ވާނީ ފެންނާން ހުންނަ ހަގީގަތްތަކުންނެވެ. ކަންކަންވެ، ލޮލުންދެކެ އަތުން ހިފާފައިވާ އަސްލު މަންޒަރާ އެއްގޮތަށެވެ. އަޅުގަނޑު ކިޔައިދޭން މި އުޅެނީ މާދުރު ޒަމާނެއްގެ ވާހަކަތަކެއް ނޫނެވެ. މީގެ ހައެއްކަ އަހަރު ކުރީއްސުރެ މިއަދާ ހަމަޔަށް ދިވެހި ރައްޔިތުން ދުށް ކަންތައްތަކެއްގެ ވާހަކައެވެ. ޓީވީތަކާ ރޭޑިއޯތަކުން އިވި، ލޮލުން ދުށް ނޫސް މަޖައްލާތަކާ އޮންލައިންތަކުގެ ފަތްފުށްތަކުގައި ހުރި، %100 ހަގީގީ ހާދިސާތަކެއްގެ ވާހަކައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގަތީ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކުރެއްވި ކެމްޕޭނުގައި ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެވަޑައިގަތެވެ. އޭގެ ތެރެއިން ބައެއް ވަޢުދުގެ ހަނދާން މިތާ އައުކޮށްލާނަމެވެ.

ޕާކުކުރާނެ ޖާގަތައް ހަދައިނުދީ، ޕާކިން ޖޫރިމަނާ ނުކުރާނެކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ނަމަވެސް ރައީސް އިބޫގެ ވެރިކަމުގައި، ދައުލަތަށް އެންމެ ބޮޑު އާމުދަނީއެއް ލިބުނު އެއްކަމަކަށް އާޚިރުގައިވީ، ޕާކިން ޖޫރިމަނާއިން "ރައްޔިތުން ފެލައިގެން" ހޯއްދެވި ފައިސާއެވެ.

ރިޔާސީ އިންތިޚާބަށް އިބޫ ނުކުމެވަޑައިގަތީ، ހައެއްކަ ޕާޓީގެ ލީޑަރުންގެ ބިޔަ ކޯލިޝަނަކާ އެކުއެވެ. ވެރިކަން ހިންގަވާނީ ޕާޓީތަކުގެ ލީޑަރުންގެ ފުރިހަމަ މަޝްވަރާއެކުގައި ކަމަށާ، ކޮންމެ މަހަކު އެއްފަހަރު ހުރިހާ ލީޑަރުން ބައްދަލުވެ މަޝްވަރާކޮށް، ހުރިހާ ލީޑަރުން އެކުގައި ނޫސްވެރީންނާ ބައްދަލުކުރައްވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް ހުރިހާ ލީޑަރުން ބައިވެރިވާ މިފަދަ ބޭއްވެވީ އެންމެ ބައްދަލުވުމެކެވެ. ދައުރު ނިމުނުއިރު، ލީޑަރުންތައް މާޔޫސްވެ، އެއިން އެއްވެސް ލީޑަރަކު 2023 ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިބޫއަށް ތާއީދުނުކުރެއްވީ ކީއްވެތޯއެވެ؟ އިބޫ ހެއްދެވި ދޮގުތަކާ ވަޢުދާއަހުދުތަކަށް އިޙްތިރާމް ނުކުރެވިވަރު ބޮޑީއެވެ.

ރާއްޖޭގެ ޤައުމީ ރިޒާވް އެއް ބިލިއަން ޑޮލަރާ ހަމަޔަށް މަތިކުރައްވައި، އިޤްތިޞާދު ވަރުގަދަކުރައްވާނެކަމަށް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޢުދުވެ ވަޑައިގަތެވެ. ނަމަވެސް 5 އަހަރުގެ ވެރިކަމުގެ ދައުރު ނިންމައިލެއްވިއިރު ދައުލަތް އޮތީ ދަރައި ވިކިފައެވެ. ދައުލަތުގެ ސޮވަރިންފަންޑްގައި ހުރި ޑޮލަރުކޮޅުވެސް ވަނީ މާރުކޮށް ހުސްކޮށްފައެވެ.

ރައްޔިތުން ޒިންމާވާން ޖެހޭގޮތަށް ބޮޑެތި އަދަދުތަކުން ދަރަނި ނުނަންގަވާނޭ ކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙް އޭނާގެ ރިޔާސީ ކެމްޕޭނުގައި ވަޢުދުވެވަޑައިގަތެވެ. ނަމަވެސް 118 ބިލިއަން ރުފިޔާއިން އޭނާގެ ވެރިކަން ނިމުނުއިރު ދިވެހި ރައްޔިތުން ތިބީ ބޭރުގެ ގައުމުތަކަށް ދަރާފައެވެ. ދަރަނިވެރިނުވާ އެއް ކުންފުނި ސަރުކާރުގައިވެސް ނެތެވެ. ދައުލަތުގެ މަރުކަޒީ ބޭންކުން 8 ބިލިއަން (8000 މިލިއަން) ރުފިޔާ ޗާޕްކުރުވައިގެން ސަރުކާރުން ބޭނުން ކުރިއެވެ. އެއީ މަރުކަޒީ ބޭންކަށް ސަރުކާރުން ދައްކަން ޖެހޭނެ ބޮޑު ދަރަންޏެކެވެ.

މިއީ އަދި ކުޑަ މިންވަރެކެވެ. ވެރިކަމަށް އެރުމަށްޓަކައި އިބްރާހީމް މުޙައްމަދު ޞާލިޙް ހެއްދެވި މިފަދަ ދޮގުތަކުގެ ލިސްޓެއް ލިޔާނަމަ، އެކަމަށް ފޮތެއް ލިޔަން ޖެހޭނެއެވެ. ދިވެހި ކޮންމެ ރައްޔިތަކުވެސް މި ދޮގުތަކުގެ މަތީން ރަނގަޅަށް ހަނދާން ހުންނާނެއެވެ.

ވެރިކަމުގައި ހުރެވެސް މި ބާވަތުގެ އެތައް ދޮގެއް ތަކުރާރުކުރިއެވެ.

އޭގެ ތެރެއިން އެއް ދޮގަކީ، ހިޔާ ފްލެޓްތަކަކީ މީހުން ދިރިއުޅެން އެކަށީގެންނުވާ ކޮތަރުކޮށިތަކެއްކަމަށް ވިދާޅުވުމެވެ. ބަދިގެއެއް ހެދޭނެ ތަންވެސް އެއިން ފްލެޓަކު ނެތްކަމަށް ވިދާޅުވުމެވެ. އަނެއް ދޮގަކީ ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭސްފަރުވާކުރަން މީހުން ދާން ހެޔޮނުވާވަރު ތަނެއްކަމަށް ސިފަކުރެއްވުމެވެ. ވިދާޅުވީ އެއީ "ހޮހަޅައެއް" ކަމަށެވެ. އެތަނުގައި މެޑިކަލް އިކްއިޕްމަންޓާ މެޝިނަރީވެސް ނެތްކަމަށެވެ. އެކަމަކު، އާޚިރުގައި ވީ ކިހިނެއްތޯއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މަންމާފުޅުގެ އާލާސްކަންފުޅާ އުޅުއްވާތީ ފަރުވާ ހޯއްދަވަން އެނދުމަތިކުރެއްވީވެސް "އެއްކަލަ" ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަދަލުގެނަސް، ސިޔާސީ މީހުން އެކޮމިޝަނުން ބޭރުކުރުން ވެރިކަމުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ނިންމަވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. ވެރިކަން ނިމުނުއިރުވެސް މިކަމެއް ނުކުރެއްވިއެވެ. ޖުޑިޝަރީ އޮތީ ރައީސް އިބޫ ބޭނުންފުޅު ހުކުމެއް ކުރެއްވޭގޮތަށް މުށުތެރެއަށް ލައްވައިފައެވެ.

ރައްޔިތުން މަޖިލީހުގެ ކެމްޕޭނަށް އައްޑޫސިޓީއަށް ވަޑައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެދި ވަޑައިގަތީ މަޖިލީހުގެ ގޮނޑިތައް އެމްޑީޕީއަށް ދޭށެވެ. އަދި ވިދާޅުވީ، އޭރުން ބޭނުން ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. ރައްޔިތުން ނުކުމެ މަޖިލީހުގެ ގޮޑިތައް އެމްޑީޕީއަށް ދިނެވެ. ރައްޔިތުން ބޭނުންވި ކަންކަން ރައީސް އިބޫ އައްޑޫއަށް ކޮށްދެއްވިތޯއެވެ؟ އައްޑޫގެ މަގުހެދުން ފަދަ މަޝްރޫޢުތަކަށް ވީ ކިހިނެއްތޯއެވެ؟ އައްޑޫގެ ރިސޯޓްތަކާ ވަޒީފާތަކަށް ވީ ކިހިނެއްތޯއެވެ؟

ވެރިކަމުގައި ހުންނަވައިގެން ރައީސް އިބޫ ދޮގުހެއްދެވީ މަތިމައްޗަށެވެ. ފަތިފައްޗަށެވެ. ތިލަމާލެ ބްރިޖް އަޅުއްވާނެކަމަށް ވިދާޅުވިއެވެ. އަމީނީމަގު ނިންމާނެ ކަމަށް ވިދާޅުވިއެވެ. ވިހިހާސް ފްލެޓް އަޅުއްވާނެކަމަށް ވިދާޅުވިއެވެ. ކަނޑުމަތީ އޮންނަ ފްލޯޓިން ސިޓީތައް ހައްދަވާނެކަމަށް ވިދާޅުވިއެވެ. ލާމު އަތޮޅުގައި ކެންސަރު ހޮސްޕިޓަލެއް އަޅުއްވަން ވަޢުދުވިއެވެ. ރާއްޖޭގެ 5 ސަރަހައްދެއްގައި އެންމެ ޒަމާނީ 5 ހޮސްޕިޓަލް އަޅަނީކަމަށް ވިދާޅުވެ ކުރެހުންތައް ދެއްކެވިއެވެ. ކޮވިޑުގައި ރައްޔިތުން އެންމެ ބިކަވެ ބަލިވީވަގުތު ވެންޓިލޭޓަރުތަކެއް ގެންނަނީކަމަށް ވިދާޅުވެ އެތައް މިލިއަން ރުފިޔާއެއް ދުބާއީގެ ކުންފުންޏަކަށް ފޮނުއްވިއެވެ. އެދުވަސްވަރު ފްލޯޓިން ހޮސްޕިޓަލެއް ރާއްޖެ އަންނަ ވާހަކަވެސް ދެއްކެވިއެވެ. މިހުރިހާ ވާހަކަވީ ރޯމާދުވާލު ރައްޔިތުންނަށް ހެއްދެވި ރޯބުހުތާނު ދޮގަށެވެ.

އަދި، ރާއްޖޭގެ މިނިވަންކަމާމެދު ހެއްދެވިހައި ދޮގު ކޮބައިތޯއެވެ؟ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ނެތްކަމަށެވެ. އެކަމަކު ރައީސް މުޢިއްޒުގެ ވެރިކަމުގައި މިހާރު މި ފެންނަނީ އޭރު ރާއްޖޭގެ އެކި ތަންތަނަށް ރައީސް އިބޫގެ ހުއްދައާއެކު އަރައިތިބި އިންޑިއާ ސިފައިން ފައިބަން ފެށިތަނެވެ. ރާއްޖޭގެ ކަނޑުން ބައެއް ވިއްކާ ނުލައްވާކަމަށްވެސް، ކަނޑުން ބައެއް ނުގެއްލޭކަމަށްވެސް ކިތައް ފަހަރު ރައީސް އިބޫ ވިދާޅުވިތޯއެވެ. ނަމަވެސް ބޭރުގެ ތަޖްރިބާކާރުންގެ ލަފަޔާއެކު، މިހާރުގެ ސަރުކާރުން އެ ތައްޔާރުވަނީ ރާއްޖޭގެ ކަނޑުން ގެއްލުނުބައި އަނބުރާ ހޯދުމަށެވެ.

ރައީސް އިބޫއަށް ވެރިކަމުގެ އައު ދައުރެއް ދޭން ރައްޔިތުން އިތުބާރު ނުކުރީ ވެރިކަމުގައި ހުންނަވާ ތަކުރާރުކޮށް ހެއްދެވި މިފަދަ ރޯބުހުތާނު އެތައް ދޮގެއްގެ ސަބަބުންނެވެ. ބަހާ އަމަލު ދިމާނުވުމުގެ ސަބަބުންނެވެ. ރާއްޖޭގެ ރައްޔިތުން "ގައިންތާހިރުކުރަން" ނުކުންނެވިކަމަށް ވިދާޅުވި ރައީސްގެ ވެރިކަމުގެ 5 އަހަރު ނިމުނުއިރުވެސް ރާއްޖޭގައި ފެނާ ނަރުދަމާގެ ޚިދުމަތް ނުލިބޭ ރަށްތައް ބައިވަރެވެ. ޓީޗަރުންގެ މުސާރައާ ސިއްހީ ދާއިރާގެ މުސާރަ މާބޮޑުތަނުން މަތިކުރެއްވީކަމަށް ވިދާޅުވެވެސް ހެއްދެވީ ބޮޑު ދޮގެކެވެ. ޓެކްސީ ޑްރައިވަރުންގެ ބާ ޓެކްސީތައް އަތުލައްވައި އާ ޓެކްސީ ދެއްވަނީ ކަމަށް ވިދާޅުވެ ހެއްދެވީ އެއަށްވުރެ ބޮޑު ދޮގެކެވެ. ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފޮރޮޅުއްވާނެކަމަށް އެންމެ ގާތް އެކުވެރިޔާ ރައީސް މުހައްމަދު ނަޝީދަށް "ދަޅަދައްކަވައި" އެންމެ ފަހުން ރައީސް ނަޝީދަށްވެސް ދެއްވީ ބޮޑު ކެއްސެކެވެ.

ދޮގުހަދައިގެން ވެރިކަމުގައި ހުންނަން ދިމާކުރި ރައީސަށް ރައްޔިތުން ޖަވާބުދީ ގެއަށް ފޮނުވާލައިފިއެވެ. ނަމަވެސް ރައީސް އިބޫ ވެރިކަމުން ވަކިވެވަޑައިގަތް ފަހުންވެސް ދޮގު ހެއްދެވުމެއް ނުހުއްޓުނެވެ. މިހާރު އެކަން ކުރައްވާލެއް އަދި މާގޯހެވެ. އެކި ނަންނަމުގައި ސިއްރު އެކައުންޓްތައް މީސް މިޑިއާގައި ހައްދުވައިގެން، ސިއްރު ވެބްސައިޓްތައް ހިންގުވައިގެން، އެކަންކަމަށް ޚަރަދުކުރައްވައިގެން، ރެޔާދުވާލު މިހާރުގެ މަސައްކަތަކީ ރައީސް މުޢިއްޒުގެ ސަރުކާރާ މެދު ދޮގު ޚަބަރު ފެތުރުމެވެ. ޢާއްމުންގެ ހިތުގައި ރައީސް މުޢިއްޒަށް ނަފްރަތު އުފެއްދޭތޯ މަސައްކަތްކުރުމެވެ. އަދި މިވަރަކުން ނުފުދެއެވެ. މަޖިލިސް ކެމްޕޭނުގެ ނަމުގައި ރަށްތަކަށް ވަޑައިގެން އެހެރަ ހައްދަވާ ދޮގުތަކެވެ. މިވެނި އެވެނި މަޝްރޫޢު ނިންމާނޭ ފައިސާ ބަޖެޓުގައި ހުންނާނެކަމަށް ވިދާޅުވަނީއެވެ. މިހެން ވިދާޅުވާއިރު، ރައީސް އިބޫ މި މަޝްރޫޢުތައް ނުނިންމީ ކީއްވެ ހެއްޔެވެ؟ އޭރު ފައިސާ ނެތީ ހެއްޔެވެ؟ މާލޭގެ ރައްޔިތުންނަށް ތިމަންނާ ދިން ގޯތިތަކޭ ވިދާޅުވާއިރު، އެ ތަންތަން ހުރީ ފުން ފަޅުތަކާ ކަނޑުގައެވެ. ތަން ދިންކަމަށް ބުނާ މީހުންނަށް ވަގުތީ ލިޔުމެއް ރަޖިސްޓްރީއެއްވެސް ރައީސް އިބޫގެ 5 އަހަރަކު ނުދެވެއެވެ.

އަހަރެން ކައިރިއަށް އެންމެ ހިނި އަންނަނީ މާލެ ސިޓީގެ މަގުތަކުގައި ކެމްޕޭނަށް ރައީސް އިބޫ ހިންގަވާތީއެވެ. އެމަންޒަރު ފެނުނީމާ ހިތަށް އަރައެވެ. މީ ލަދުގެ ކަންފުޅެއްވެސް ނުހުންނަ ރައީސަކީ ބާވައެވެ؟ މާލޭގެ މަގު ހަދަން ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި ހިންގި މަޝްރޫޢު ހުއްޓުވައިލީ ރައީސް އިބޫއެވެ. މާލެ ސިޓީގައި ޕާކިން ބިނާއެއް ކުރިޔަ ނުދީ 5 އަހަރު ވެރިކަން ކުރީ ރައީސް އިބޫއެވެ. މާލެ ސިޓީގެ ރައްޔިތުންނަށް އެންމެ ފްލެޓްގަނޑެއް 5 އަހަރުގެ ވެރިކަމުގައި ނިންމައި ނުދެއްވުނެވެ. މާލެ ސިޓީގެ ރައްޔިތުންނަށްވެސް ހެއްދެވީ އެތައް ދޮގެކެވެ. ދެއްވީ އެތައް ދޯކާއެކެވެ. ވެރިކަމަށް އަރަންވެސް ދޮގެވެ. ވެރިކަމުގައި ހުރެވެސް ދޮގެވެ. ވެރިކަން ގެއްލުނީމާވެސް ދޮގެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *