Ad

މިމަހު ބާއްވަން ނިންމެވި 3 ބައި-އިލެކްޝަނެއްގެ ތާރީޚު ފަސްކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުން މިމަހު ބާއްވަން ނިންމެވި 3 ބައި-އިލެކްޝަނެއްގެ ތާރީޚު ފަސްކުުރައްވައިފިއެވެ.

މިމަހުގެ 17ގައި ކޮމިޝަނުން ބާއްވަން ނިންމެވި 3 ބައި-އިލެކްޝަނަކީ ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރާއި ނ. ވެލިދޫ ކައުންސިލްގެ މެންބަރާއި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ.

މީގެ ތެރެއިން ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރާއި ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބޭއްވުމަށް ކޮމިޝަނުން ކުރިން ނިންމަވާފައިވަނީ މާރޗް 17 ވަނަ ދުވަހަށެވެ. އަދި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބައި-އިލެކްޝަން ބާއްވަން ކޮމިޝަނުން ކުރިން ނިންމަވާފައިވަނީ މާރޗް 30 ވަނަ ދުވަހަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި މި 3 ބައި-އިލެކްޝަން ވެސް މިހާރު އޮންނާނީ އަންނަ މޭ މަހުގެ 4ވާ ހޮނިހިރު ދުވަހުއެވެ. މިދުވަހު ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 ފެށިގެން ހަވީރު 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓު ފަހުން ކަމަށާއި ރަސްމީ ނަތީޖާ އިޢުލާނުކުރާނީ މޭ މަހުގެ 6 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ.

މި ބައި-އިލެކްޝަންގެ ތާރީޚު ބަދަލުކުރެއްވުމަށް ނިންމެވީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ތަސްދީޤުކުރައްވައި ގެޒެޓުގައި ޝާއިޢުކުރުމާ ގުޅިގެން ކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނެވުނު 5 ވަނަ އިޞްލާޙުގައި އޮންނަނީ ރަމަޟާން މަހަކަށް އެއްވެސް އިންތިޚާބެއް ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަން ވާނީ ރަމަޟާން މަސް ނިމި 10 ދުވަސް ފަހުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *