ޤައުމުގެ މިނިވަންކަން ދިފާއު ކުރުމަކީ ލިބިފައިވާ ހައްގެއްކަމަށާއި، އަދި އެކަން ޤަބޫލުކޮށްގެން މިނިވަންކަމުގެ ދިފާއުގައި މަސައްކަތްކުރުމަކީ ލިބޭ އުފަލެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސިފައިންގެ ވައިގެ ފޯސް އުފައްދަވާ, އަސްކަރީ ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ފައްޓަވައިދެއްވުން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އަމިއްލަ ބާރުވެރިކަމާއި އަމިއްލަ ވަންތަކަމާއެކީ ގައުމު ދިފާއުކުރުމުގެ ބާރު ލިބިފައިވާ ބައެއްކަމަށެެވެ. އަދި ރާއްޖެއަކީ ވަރަށް ކުޑަގައުމެއް ކަމުގައި އަމިއްލައަށް ގަބޫލުކުރަމުން އައި އައުން ބަދަލުކުރަން ޖެހޭކަމަށާއި ރާއްޖެއަކީ ބޮޑު ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމުގެ ބޮޑު ސަރަހައްދެއް އަމިއްލަ ބާރުވެރިކަން ނެތިގެން ނުބެލެހެއްޓި އޮތް އޮތުމާއި މެދު ކަންބޮޑުވުން މިއަދު ނިމުމަކަށް އައިސްފައިވާކަމަށެވެ. އަދި އެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން މިއަދު ލިބިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.
"މިބޮޑު ސަރަހައްދަކީ ދަރީންނާއި, ދަރީންގެ ދަރީންގެ މުސްތަގުބަލް އުޖާލާކުރުމަށް ލިބިފައިވާ ބޮޑު ނިއުމަތެއް އަދި ރަނުގެ ފުރުޞަތެއް . މިސަރަހައްދުން އިގްތިސާދު ފުޅާކުރަން ކުރެވޭނެ އެތައްކަމެއް އެބަހުރިކަން ގަބޫލުކުރަންޖެހޭ. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް އަޅުގަނޑުމެންގެ ގައުމުގައި އަމިއްލަ ސިޔާދަތީ ބާރު ހިނގާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެންގެ ޤައުމުގެ ސަރަހައްދު, ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަަށާއި މިއީ އަޅުގަނޑުމެންގެ ހައްގެއް ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާއަށް ލިބިގެން ދިޔަ ޤާބިލުކަމާއެކު މިއަދު ފެށިގެންދިޔައީ ބޮޑު މަސައްކަތެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މީގެ ކުރިން ކުރަން ޖެހިފައި އޮތީ އެހެން ބައެއްގެ އެހީތެރިކަން ހޯދަންޖެހުން. މިއަދު އަމިއްލައަށް އަޅުގަނޑުމެންގެ ސަރަޙައްދު ބެލެއްޓުމުން މިނިވަންކަން ޔަޤީންކަން ލިބިގެންދޭ." ރައީސްލްޖުމުހޫޜިއްޔާ ޑރ. މުާޙއްމަދު މުޢިއްޒު ވިދާޅުވއެެވެ.
ކަނޑުގެ ސަރަހައްދު ބަލަހްޓަން މިރޭ ބޭނުންކުރަން ފެށި ތިން ޑްރޯން އަކީ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޢާންއާ އޮތް ގާތް ގުޅުމުގެ ތެރެއިން ހިލޭ ލިބުނު ޑްރޯންތަކެއްކަން ފާހަގަކުރައްވަމުން ރައީސްލްޖުމުހޫޜިއްޔާ ވަނީ ތުރުކީގެ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިވަގުތު ތިން ޑްރޯންއާއެކު ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފެށިނަމަވެސް ތުރުކީއާ އޮތް ގުޅުމުގެ ތެރެއިން އިތުރު އަސްކަރީ ބާރުވެރިކަން ލިބޭނެ ކަމަށް ރައީސްލްޖުމުހޫޜިއްޔާ ވިދާޅުވިއެވެ.