Ad

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އައިވީއެފްއާއި އައިޔޫއައި ފަރުވާއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ދެ ފަރުވާއެއް ކަމަށްވާ، އައިވީއެފްއާއި އައިޔޫއައިއަށް ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިން ހުޅުވާލާފިއެވެ.

އައިވީއެފްއާއި އައިޔޫއައިގެ ޚިދުމަތް އާސަންދައިގެ ދަށުން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ޚިދުމަތް ދިނުމާ ބެހޭ އުޞޫލެއް އެކުލަވާލާ މިދިޔަ ފެބްރުއަރީ މަހު ވަނީ ޢާންމުކޮށްފައެވެ.

އެންސްޕާއިން ބުނީ އައިވީއެފްއާއި އައިޔޫއައިގެ ޚިދުމަތައް އެދުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެންސްޕާއިން ބުނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިއަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށެވެ. އަދި އައިވީއެފްގެ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ މަރުކަޒުތަކާއި ރާއްޖެއިން ބޭރުން ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލްކުރެވޭ މަރުކަޒުތައް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އެންސްޕާއިން ބުނެއެވެ.

އައިޔޫއައިގެ ޚިދުމަތް ފޯރުކޮށްދޭނީ އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިނުމަށް އެމްޕެނަލްކުރެވޭ ރާއްޖޭގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް މެދުވެރިކޮށެވެ.

އެންސްޕާއިން ބުނީ "އައިވީއެފްގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް"އާއި "އައިޔޫއައިގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" އެ އެޖެންސީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި އާސަންދައިގެ ވެބްސައިޓާއި އާސަންދައާއި އެންސްޕާގެ ކައުންޓަރުތަކުން ވެސް ފޯމު ލިބޭނެއެވެ.

އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ އެންސްޕާގެ ކައުންޓަރުތަކަށް ފޯމު ހުށައެޅޭނެކަމަށް އެންސްޕާއިން ބުނެއެވެ. އަދި އެ އެޖެންސީގެ އީމެއިލަށާއި ވައިބަރ ނަންބަރަށް ވެސް ފޯމު ހުށައެޅޭނެކަމަށެވެ. އެންސްޕާއިން ބުނީ އާސަންދައިގެ ޑިޖިޓަލް ޕޯޓަލް my.aasandha.mv މެދުވެރިކޮށް ފޯމު ހުށައެޅުމުގެ ފުރުޞަތު އަންނަ ހަފްތާތެރޭ ހުޅުވާލާނެ ކަމަށެވެ.

އައިވީއެފްގެ ޚިދުމަތައް އެދި ފޯމު ހުށައަޅާތާ ރަސްމީ 30 ދުވަހު ތެރޭގައި ޚިދުމަތް ދިނުމަށް މިއަހަރަށް ކަނޑައެޅިފައިވާ އަދަދަށް ޚިދުމަތް ހަމަޖެހޭ ފަރާތްތަކަށް އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އެންސްޕާއިން އަންގުމަށް ވަނީހަމަޖެހިފައެވެ. އަދި އައިޔޫއައިގެ ޚިދުމަތައް އެދި ފޯމު ހުށައަޅާތާ ރަސްމީ 5 ދުވަހު ތެރޭ ހުށައަޅާ ފޯމަށް ގޮތެއް ނިންމުމަށްފަހު އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އެންގޭނެ ކަމަށެވެ.

އެންސްޕާއިން ގެޒެޓް ކޮށްފައިވާ އުސޫލުގެ ދަށުން އާސަންދަ ސްކީމުން އައިޔޫއައިގެ ފަރުވާ ފޯރުކޮށްދޭނީ ތިން ފަހަރުއެވެ. އަދި އައިވީއެފްގެ ފަރުވާ ފުރިހަމަކުރުމަށް އެހީ ހަމަޖައްސައިދޭނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އައިޔޫއައިއާއި އައިވީއެފް އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ބައެއް ޝަރުތުތައް:

• ދެމަފިރިން ކުރެ އެއްވެސް މީހަކު ދަރިމައި ނުވާ އޮޕަރޭޝަނެއް ކޮށްފައި ނުވުން
• ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުން
• އަނބިމީހާގެ އުމުރު 25 އަހަރާއި 42 އަހަރާ ދެމެދުގައި ހުރުން އަދި ފިރިމީހާއަށް 55 އަހަރު ފުރިފައި ނުވުން
• އަނބިމީހާގެ ބޮޑީމާސް އިންޑެކްސް 19 އާއި 30 އާ ދެމެދުގައި ހުރުން
• އެހީއަށް އެދުމުގެ 6 މަސް ކުރިން ދެމަފިރިން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައިވުން
• ފާއިތުވި 3 އަހަރު ޖިނާޢީ ކުށެއް ސާބިތުވެ، ހުކުމެއް ކޮށްފައި ނުވުން

މީގެ އިތުރުން އައިވީއެފްގެ އެހީ ފޯރުކޮށްދޭނީ ކައިވެނިކޮށްގެން އުޅޭތާ 3 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވާ ނުވަތަ ސަބަބު ދެނެގަނެވިފައިވާ ނުވާ ފަރާތްތަކަށްކަމަށް އުޞޫލުގައި ބުނެފައިވެއެވެ. އަދި ދަރިމައިވުމުގެ އެހެން ފަރުވާ ކާމިޔާބުނުވެ އައިޔޫއައި ނުވަތަ އައިވީއެފް އަކީ އެންމެ އެދެވިގެންވާ ފަރުވާ ކަމުގައި ސްޕެޝަލިސްޓަކު ލަފާ ދީފައިވާނަމަވެސް މި އެހީ ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *