Ad

ޒަކާތު ފަންޑުން މިިދިޔަ މަހު އެހީގެ ގޮތުގައި 7 ލައްކައަށްވުރެ ގިނަރުފިޔާ ޚަރަދުކުރި

ޒަކާތުން ފަންޑު މިދިޔަމަހު 7 ލައްކައަށް ވުރެ ގިނަ ރުފިޔާ އެހީގެގޮތުގައި ޚަރަދުކޮށްފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޒަކާތު ފަންޑުން އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ 829،948.10 ( އަށްލައްކަ ނަވާވީސް ހާސް ނުވަސަތޭކަ ސާޅީސް އަށްރުފިޔާ ތިރީސް ލާރި)ގެ ތެރެއިން 740،805.79 (ހަތްލައްކަ ސާޅީސްހާސް އަށްސަތޭކަ ފަސްރުފިޔާ ހަތްދިހަ ނުވަލާރި) އެހީގެގޮތުގައި ވަނީ ޚަރަދުކޮށްފައެވެ.

ޒަކާތު ފަންޑުން މިދިޔަމަހު އެންމެ ބޮޑު އެހީއެއް ދީފައިވަނީ ކެންސަރަށް ފަރުވާކުރުމަށެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އެހީގެ ގޮތުގައި 245،948.50 (ދެލައްކަ ސާޅީސް ފަސްހާސް ނުވަސަތޭކަ ސާޅީސް އަށް ރުފިޔާ ފަންސާސް ލާރި)ވަނީ ދީފައެވެ. މީގެ އިތުރުން ޓްރާންސްޕްލާންޓް ހެދުމަށް 76،329 (ހަތްދިހަ ހަހާސް ތިންސަތޭކަ ނަވާވީސް )ރުފިޔާ، ސިކުނޑީގެ އޮޕަރޭޝަންތަކަށް 16،962 (ސޯޅަހާސް ނުވަސަތޭކަ ފަސްދޮޅަސް ދެ) ރުފިޔާ އެހީގެ ގޮތުގައި ދޫކޮށްފައިވެއެވެ. އަދި ހިތުގެ އޮޕަރޭޝަންތަކަށް 16،962 (ސޯޅަހާސް ނުވަސަތޭކަ ފަސްދޮޅަސް ދެ) ރުފިޔާ ދީފައިވެއެވެ. އަދި އެހެނިހެން ކަންކަމަށް 473،746 (ހަތަރު ސަތޭކަ ހަތްދިހަ ތިން ހާސް ހަތްސަތޭކަ ސާޅީސް ހަ) ރުފިޔާގެ އެހީ ޒަކާތު ހައުސިންއިން ދޫކޮށްފައިވެއެވެ. މި އެހީތައް މިދިޔަ މަހު ދީފައިވަނީ 69 މީހަކަށް ކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.

މީގެ އިތުރުން ޚާއްސަ ޙާލަތެއް ނުވަތަ ޟަރޫރީ ޙާލަތްތައް މެދުވެރިވެގެން 5 ފަރާތަކުން އެހީއަށް އެދިފައިވާއިރު، އެފަރާތްތަކަށް 12،750 (ބާރަހާސް ހަތްސަތޭކަ ފަންސާސް)ރުފިޔާ އެހީގެ ގޮތުގައި ވަނީ ދޫކޮށްފައެވެ.

ޒަކާތު ހައުސްއިން އެހެނިހެން ޚަރަދުގެ ގޮތުގައި ދީނީ އެކި ޕްރޮގުރާމުތައް ހިންގުމަށް 374،950.28 (ތިންލައްކަ ހަތްދިހަ ހަތަރު ހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ އަށާވީސް ލާރި) ޚަރަދުކޮށްފައިވާއިރު، އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ޢާމިލުންގެ އުޖޫރައިގެ ގޮތުގައި 192،432.81 (އެއްލައްކަ ނުވަދިހަ ދެހާސް ހަތަރުސަތޭކަ ތިރީސް ދެ ރުފިޔާ އަށްޑިހަ އެއް ލާރި) ޚަރަދުކޮށްފައިވެއެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ މިދިޔަ މަހު ކޮށްފައިވާ ޚަރަދުގެ ތެރޭގައި ޖެނުއަރީ މަހު އެހީ ހަމަޖެހިފައިވާ ފަރާތްތަކަށްވެސް ޚަރަދުކޮށްފައިވާކަމަށެވެ.

ޒަކާތު ފަންޑަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރާ ފަންޑެވެ. އަދި އެފަންޑުގައި ހުންނަ ފައިސާ ޚަރަދު ކުރަނީ ވަކި އުޞޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ. ޒަކާތު ފަންޑުން، ނިކަމެތިންނަށް އެހީތެރިވުމަށާއި، މުޖުތަމަޢުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި، ކިޔަވައިދިނުމަށާއި، ބޭސްފަރުވާއަށް ދަނީ މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *