Ad

އިންޑޮނީޝިޔާ ކައިރިން ކަނޑުވި ރޮހިންޔާ ދަރިކޮޅުގެ ބަޔަކު ސަލާމަތްކޮށްފި

އިންޑޮނީޝިޔާގެ އަޗޭގެ އައްސޭރިފަށުން ދަތުރު ކުރަނިކޮށް ކަނޑުވި ބޯޓެއްގައި ތިބި ރޮހިންޔާ ދަރިކޮޅުގެ މީހުން ސަލާމަތް ކޮށްފިއެވެ. މި ހާދިސާ ހިނގާފައި ވަނީ އަޗޭގެ ހުޅަނގު ފަރާތުގައި އޮންނަ މަލާބޯގެ އައްސޭރިފަށުގައެވެ. 50 ވަރަކަށް މީހުން ތިބި ކަމަށް ބެލެވޭ ބޯޓު ކަނޑުވެފައި ވަނީ ދިޔަވަރު ބޮޑުވި ވަގުތާ ދިމާކޮށް ކަމުގައި އަޗޭގެ މަސްވެރިން ބުނެއެވެ.

އެ ބޯޓުގައި ތިބިީ އިންޑޮނީޝިޔާއަށް ހިޖުރަ ކުރަން މަސައްކަތް ކުރި ބައެއް ކަމަށް ބެލެވެއެވެ. މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ ގިނަ ޢަދަދެއްގެ ބަޔަކު ދަނީ އިންޑޮނީޝިޔާ އަދި އެ ސަރަޙައްދުގައިވާ އެހެން ސަރަޙައްދުތަކަށް ހިޖުރަ ކުރަމުންނެވެ. އެ މީހުން ކަނޑު މަގުން އިންޑޮނީޝިޔާއަށް ކުރަނީ ނުރައްކާތެރި ދަތުރެކެވެ.

ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ބުުނީ, 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަހު ކަނޑު މަގުން އިންޑޮނީޝިޔާއަށް ހިޖުރަ ކޮށްފައިވާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ޢަދަދު 2,000އަށް އަރާ ކަމުގައެވެ. ރޮހިންޔާންނަކީ މިޔަންމާގެ މުސްލިމުން ނިސްބަވްތާ ދަރިކޮޅެކެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުން ދަނީ ރޮހިންޔާ ދަރިކޮޅުގެ މީހުން އެ ޤައުމުން ފައްސައިލަން މަސައްކަތް ކުރަމުންނެވެ. އަދި, އެ މީހުން ލާއިންސާނީ އަނިޔާތަކަށް ހުށަހަޅަމުންނެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުގެ އަނިޔާތަކުން ސަލާމަތް ވާން 2017 ވަނަ އަހަރަށް ފަހު މިލިޔަނެއްހާ ރޮހިންޔާ މުސްލިމުން ބަންގްލަދޭޝަށް ހިޖުރަ ކުރިއެވެ. އެ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ބަންގްލަދޭޝްގައި ގާއިމު ކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކުގައެވެ. ނަމަވެސް, އެ ޤައުމުގައި ވެސް ރޮހިންޔާން ދިރިއުޅެން ޖެހިފައި ވަނީ ނިކަމެތި ހާލުގައެވެ. އިންޑޮނީޝިޔާއަށް ހިޖުރަ ކުރަމުން ދަނީ ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ދަރިކޮޅުގެ މީހުންނެވެ.

އަޗޭގެ މަސްވެރިންގެ ޖަމުޢިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ މިފްތާޗް ޗުޓް އަޑޭކް ވިދާޅުވީ ރޮހިންޔާ ދަރިކޮޅުގެ މީހުން ދަތުރު ކުރަމުން ދިޔަ ބޯޓު ކަނޑުވި މަންޒަރު ފެނިފައި ވަނީ އެ ރަށުގެ މަސްވެރިންނަށް ކަމުގައެވެ. އަދި, އެ ފަދަ ހާދިސާއެއް ކުރިމަތިވެފައިވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ މަސްވެރިންނަށް ލާޒިމު ކަމެއް ކަމުގައި ވެސް އޭނާ ބުންޏެވެ. ކަނޑުވި ރޮހިންޔާ ދަރިކޮޅުގެ މީހުން ސަލާމަތް ކޮށްފައި ވަނީ އަޗޭގެ މަސްވެރިންނެވެ.

މި ގޮތަށް ކަނޑު ހުރަސްކޮށް, މިޔަންމާއާއި ބަންގްލަދޭޝުން އިންޑޮނީޝިޔާ ފަދަ ޤައުމުތަކަށް ހިޖުރަ ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ރޮހިންޔާ ދަރިކޮޅުގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ މަރުވެ, ނުވަތަ ކަނޑުވެ ގެއްލިފައެވެ. ރެފިއުޖީންނާ ބެހޭ އދގެ ހައި ކޮމިޝަނަރުގެ އޮފީހުން ބުނީ, 2023 ވަނަ އަހަރު އެކަނި ވެސް ރޮހިންޔާ ދަރިކޮޅުގެ 569 މީހުން ކަނޑުވެގެން މަރުވެ, ނުވަތަ ގެއްލިފައިވާ ކަމުގައެވެ. އެއީ, 2014 ވަނަ އަހަރަށް ފަހު މިހާ ގިނަ ޢަދަދެއްގެ ރޮހިންޔާ މުސްލިމުން ކަނޑުވެގެން މަރުވި އަހަރު ކަމުގައި ވެސް އދއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *