ވިލިމާލޭގައި އެޅުމަށް ނިންމާފައިވާ ޓަރޝަރީ ހޮސްޕިޓަލުގެ ޑިޒައިނިންގ އާއި ޓެކްނިކަލް މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި ވިލިމާލޭގެ ރައްޔިތަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ވ. ފަޒީލާ މަންޒިލް، އަޙުމަދު ޝިފާން ވަނީ ވިލިމާލޭގައި ހޮސްޕިޓަލުން މިހާރުދޭ ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވިލިމާލޭގައި ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ތާރީޚަކާ ގުޅޭގޮތުން އޭނާ ސުވާލު ކުރިއެވެ.
އަޙުމަދު ޝިފާންގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވިލިމާލޭގެ ޞިއްޙީ ޚިދުމަތް ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ. މިއީ މިހާތަނަށް ހައްލު ނުވެއޮތް މުހިންމު މައްސަލައެއް ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް ވިދާޅުވީ ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން، އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާ އާއި ޞިއްޙީ ވުޒާރާގެ އިތުރުން ޗައިނާގެ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން އެ ހޮސްޕިޓަލުގެ ޑިޒައިނިންގ އާއި ޓެކްނިކަލް މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކަމަށް ބިންވެސް ކަނޑައަޅާފައި މިހާރު އެއޮތީ. އެހެންވީމާ އެ މަސައްކަތް (ޑިޒައިނިންގ އަދި ޓެކްނިކަލް) ނިމުނުހާ އަވަހަކަށް ދެން ފެންނާނީ އަމަލީގޮތުން ކަން ކުރަން ބަޔަކު އައިސް މަސައްކަތް ފަށާތަން. އަޅުގަނޑު ޔަގީންކަން ދެން، އިރާދަކުރެއްވިއްޔާ ވިލިމާލޭގެ ރައްޔިތުން ހިތްހަމަޖެހޭނެވަރުގެ ޓަރޝަރީ ހޮސްޕިޓަލެއް ވަރަށް އަވަހަށް ޤާއިމުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
ވިލިމާލޭގައި ގާއިމު ކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފަށައި 3 އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފައެވެ. މި ހޮސްޕިޓަލުގައި ޚާއްސަ ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.