Ad

ހައްދުންމަތީ ވިޔަފާރި ބަނދަރުގެ މަސައްކަތް މިއަހަރު ފަށަނީ

ހައްދުންމަތީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވިޔަފާރި ބަނދަރުގެ މަސައްކަތަށް ފައިނޭންސް ހަމަޖެހިފައިވާކަމަށާއި މިއަހަރުގެ ތެރޭ އެމަސައްކަތް ފެށޭނެކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ. ހައްދުންމަތީގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މި ބަނދަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ގާދޫގައިކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ އެއީ ވިޔަފާރި ބަނދަރު ހެދުމަށް ވަރަށް ރަނަގަޅު ސަރަހައްދެއްކަމަށެވެ. ވަޖީހު ވިދާޅުވީ އެ ބަނދަރު ތަރައްޤީކުރާނީ ފަތުރުވެރިކަމަށްވެސް ޚާއްސަކޮށްގެންކަމަށެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތާއި ސްޓޯރޭޖާއި ކުރޫޒް ޓާމިނަލް ތަރައްޤީކުރުމުގެ އިތުރަށް ޓްރާންސްޝިޕްމަންޓްވެސް ތަރައްޤީކުރެވޭނެކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ މިލިޔަން ޑޮލަރަށްވުރެ ގިނައިން ޚަރަދުވާނެ މަޝްރޫޢެއްކަމަށާއި އެ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރާއި ފައިނޭންސްވެސް ހަމަޖައްސާފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި އެމަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށްވެސް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ. ވަޖީހު ވިދާޅުވީ ލ. ވިޔަފާރި ބަނދަރާއެކު 2000 މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެކަމަށެވެ.

ސަރަޙައްދީ އެހެން ވިޔަފާރި ބަނދަރުތަކަށް އަލިއަޅުވާލައްވަމުން ވަޖީހު ވިދާޅުވީ އައްޑޫ ހިތަދޫ ޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރައްވަމުން އަންނަކަމަށެވެ. އަދި މިހާރު ހިތަދޫ ޕޯޓުގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވާކަމަށާއި ކުޅުދުއްފުށީ ބަނދަރުގައިވެސް ބަންކަރިންގެ ޚިދުމަތް ފެށުމަށް ނިންމާފައިވާކަން ވަޖީހު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *