Ad

ހުވަދުއަތޮޅު މާރެންދޫ ރިސޯޓް ވަރަށް އަވަހަށް ހުޅުވާނަން : ޓޫރިޒަމް މިނިސްޓަރ

ފަތުރުވެރިކަމަށް ތަރައްޤީކުރަން ޙަވާލުކޮށްފައިވާ ގއ. މާރެންދޫގެ މަސައްކަތް ނިންމާ އެ ރަށް ރިސޯޓެއްގެ ގޮތުގައި ވީހާވެސް އަވަހަކަށް ހުޅުވުމަށް މަސައްކަތްކުރައްވާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާރެންދޫގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ބެލުމަށް އެ ރަށަށް ވަޑައިގެން ދެއްވި އިންޓަވިއުއެއްގައެވެ.

ފައިޞަލް ވިދާޅުވީ، މާރެންދޫއަކީ 2016 ވަނަ އަހަރު ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްގެން ވަރަށް ހަލުވިކަމާއެކު މަސައްކަތް ކުރިއަށްގެންދިޔަ ރަށެއް ކަމަށާއި ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އެ ރަށް ޓޫރިޒަމް މާކެޓަށް ނެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށާއި އެ ވައުދުފުޅު ފުއްދެވުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

މާރެންދޫ މާކެޓަށް ނެރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ޅާއްސަ ކޮމިޓީއެއްވެސް މިހާރު އެކުލަވާލާފައިވާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ރަށުގެ މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާ ވާހަކަދައްކައިގެން މަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މަސައްކަތް ލަސްވާނަމަ ވުޒާރާގެ ތެރެއިން މަސައްކަތް އަވަސް ކުރުމަށް ކުރަން ހުރި ކަންކަން ކުރައްވާނެ ކަމަށާއި މަސައްކަތަށް ބަދަލު ގެންނަން ޖެހޭނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މާރެންދޫގައި މިހާރު މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރަށް ބަލާއިރު އަވަހަށް މަސައްކަތް އަލުން ފަށައިފިނަމަ ދެ އަހަރު ތެރޭ އެރަށް މާކެޓަށް ނެރެވޭނެ ކަމަށެވެ.

"ރައްޔިތުންގެ ފުދުންތެރިކަން އެއީ ރައީސް މުޢިއްޒުގެ މައިގަނޑު އެއް ވަޢުދު. އެހެންވީމާ އަޅުގަނޑުމެން މި 5 އަހަރުގެ ތެރޭގައި މަސައްކަތް ކުރާނީ ރާއްޖޭގެ ރައްޔިތުންނަށް އެކަށީގެންވާ ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭވަރުގެ އާމްދަނީއެއް، ޚާއްސަކޮށް ޓޫރިޒަމް ސެކްޓަރ އިން ހޯދައިދިނުމަށް. ލޯކަލް ޓޫރިޒަމްވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީކުރާނަން. އެ މަސައްކަތް މި 5 އަހަރު ތެރޭގައި ނިމިގެންދާއިރު ދިވެހި ޒުވާނުން ވެގެންދާނީ ވަރަށްވެސް ފުދުންތެރި ބަޔަކަށް،" ފައިޞަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، ރައީސްގެ މި ވަޢުދުފުޅުތައް ފުއްދެވުމަށް އެމަނިކުފާނަށް އެއްބާރުލުން ދެއްވާނެ މަޖިލީހެއް މުހިންމު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިއްސާވާ ޕާޓީގެ ކެންޑިޑޭޓުން ހޮވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *