Ad

ތާނަ އަކުރަށް ކުޑަކުދީން އަހުލުވެރިކުރަން ޤައުމީ ޔުނިވަރސިޓީއިން ފޮތެއް ޝާއިޢުކޮށްފި

ކުޑަކުދީންނަށް ޚާއްސަކޮށްގެން "އަކުރުފުށި"ގެ ނަމުގައި އެމްއެންޔޫއިން ފޮތެއް ނެރެފިއެވެ.

މިކަމަށް ޚާއްސަކޮށްގެން ގައުމީ ޔުނިވަރސިޓީގައި ބޭއްވި ހަފްލާގައި މިފޮތް އިފްތިތާޙް ކޮށްދެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އާއިޝަތު ޝެހެނާޒް އާދަމްއެވެ.

"އަކުރުފުށި"ގެ ނަމުގައި ކުޑަކުދީންނަށް ޚާއްސަކޮށް ނެރެފައިވާ ފޮތަކީ ތާނަ އަކުރަށް ޚާއްސަ ކޮށްގެން ނެރެފައިވާ ފޮތެކެވެ. އެގޮތުން ހ،ށގެ ހުރިހާ އަކުރެއް ހިމެނޭ މިފޮތަކީ އެމްއެންޔޫއިން ފޮތްތެރިކަން ކުރިއަރުވަން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްއެންޔޫގެ ޑީން އޮފް ސްޓޫޑެންޓް އާޝިޔާ ލީލާ އަޙްމަދާއި، ނާޒިމާ ފާއިޒު ލިޔެފައިވާ ފޮތެކެވެ. ފޮތުގެ ކުރެހުމުގެ މަސައްކަތްތައް ކޮށްފައި ވަނީ ޔުނިވަރސިޓީގެ މާކެޓިންގ މެނޭޖަރ ޝަހުދާ މޫސާއެވެ.

މިފޮތް ފަރުމާ ކޮށްފައި ވަނީ ވާހަކަ ތަކެއްގެ މައްޗަށެވެ. އެގޮތުން މިފޮތުގައި ހ،ށގެ ކޮންމެ އަކުރަކަށް ވާހަކައެއް ހިމަނާފައިވާއިރު ކޮންމެ ވާހަކައަކާއި ގުޅޭ ތަސްވީރުތައް ވެސް ވަނީ ހިމަނާފައެވެ. އަދި އަކުރުތަކުން ފެށޭ ބަސްބަހާއި ބަސްބަހުގެ މާނަ މިފޮތުގައި ހިމަނާފައިވެއެވެ. މިއީ އަކުރު ދަސްކުރަމުން އަންނަ ކުދިންނަށް ޚާއްސަ ކޮށްގެން ހަދާފައިވާ ފޮތެކެވެ. ޖުމްލަ 48 ސަފްހާ ހިމެނޭ މިފޮތް ލިޔެ ތައްޔާރުކުރުމަސް އަހަރެއްހާ ދުވަސް ހޭދަވި ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މިފޮތާއި ބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޤައުމީ ޔުނިވަރސިޓީގެ މާކެޓިންގ މެނޭޖަރ ޝަހުދާ މޫސާ ވިދާޅުވީ މިފޮތުގެ މައިގަނޑު މަގްސަދަކީ ވާހަކަ ދައްކާ އަކުރު ދަސްކުރަމުން އަންނަ ކުދީންނަށް އަކުރާއި ބެހޭ ގޮތުން މައުލޫމާތު ދިނުން ކަމަށެވެ.

މިފޮތް މިއަދުން ފެށިގެން އަކުރުފުށީގެ އިންސްޓަރާގްރާމް ޕޭޖުން @akurufushi އިން ލިބެން ހުންނާނެ ކަމަށްވެސް އެމްއެންޔޫއިން މަޢުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *