Ad

ރާއްޖެއަށް ފަތުރުވެރީން ޒިޔާރަތްކުރާ އަދަދު ރެކޯޑަކަށް : 14 އިންސައްތަ އިތުރުވެއްޖެ

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދަށް 14 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަަނަށް ރާއްޖެއަށް 564،644 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 14.1 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 494،675 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 6،843 ފަތުރުވެރިން ޒިޔާރަތްކުރާއިރު، އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ހަތް ދުވަސް ހޭދަކުރެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން 63،919 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނާގައި އޮތް ރަޝިއާއިން 58،632 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިން ވަނާގައި އޮތީ އިޓަލީއެވެ. އެގައުމުން މި މުއްދަތުގައި 53،722 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މި ލިސްޓުގައި ދެން ހިމެނެނީ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިންޑިއާ، ފްރާންސް، އެމެރިކާ، ޕޮލޭންޑުގެ އިތުރުން ސްވިޒަލޭންޑެވެ.

ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިނިސްޓްރީން 1،179 ތަނަކަށް ހުއްދަދީފައިވާއިރު، މިހާރު ހިދުމަތްދެމުން އަންނަނީ 1،174 ތަނަކުންނެވެ. އެއީ، 175 ރިސޯޓާއި، 15 ހޮޓަލުގެ އިތުރުން 837 ގެސްޓްހައުސް އަދި 147 ސަފާރީއެވެ. މިއާއެކު މިހާރު ފަތުރުވެރިކަމަށް ޖުމްލަ 62،140 އެނދު ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާރު ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތަށް ބަލާއިރު އެ އަދަދު 2.3 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *