Ad

ބޭންކްތަކަށް ދޫކުރާ ޑޮލަރު މިއަހަރު އިތުރުވާނެ : އެމްއެމްއޭ

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގައި ޚިދުމަތްދޭ ބޭންކުތަކަށް ޑޮލަރު ދޫކުރާ އަދަދު މިއަހަރު އިތުރުކޮށްފައި ވާކަމަށް ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވީ، ރައްޔިތުުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން، އެ ކޮމެޓީގެ މެންބަރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބޭންކްތަކަށް ޑޮލަރު ދޫކުރަމުންދާ ޢަދަދު ހާމަކުރައްވަމުން ޑިޕިއުޓީ ގަވަރުނަރު ވިދާޅުވި ގޮތުގައި ނިމިދިޔަ 2023 ވަނަ އަހަރު 260 މިލިއަން ޑޮލަރު އެމްއެމްއޭއިން ބޭންކްތަކަށް ދޫކުރިއެވެ. އަދި އެ ޢަދަދު އިތުރުކޮށް، މިހިނގާ 2024 ވަނަ އަހަރު 314 މިލިއަން ޑޮލަރު ބޭންކްތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ޚަރަދުތައް ހަމަޖައްސަން 8 ބިލިއަން ރުފިޔާ ޗާޕުކޮށްގެން ނެރުމުގެ ސަބަބުން ބާޒާރުގައި ދިވެހި ރުފިޔާގެ އަގުވަނީ ދުވަހަކު ނުދާހާ ދަށަށް ގޮއްސައެވެ. ޑޮލަރަކާ އަޅާ ބަލާއިރު ދިވެހި ރުފިޔާއިން ޖެހޭ މިންވަރު 20 ރުފިޔާއަށް ވުރެ މައްޗަށް ދިއުމުން ޑޮލަރު ހޯދަން ބޭނުންވާ ރައްޔިތުންނަށް އެކަން ބޮޑު ދަތިކަމަކަށް ވިއެވެ.

ނަމަވެސް ރައީސް ޑރ.މުޢިއްޒުގެ ޒަޢާމަތުގައި އިޤްތިޞާދަށް ގެންނަން ފެށި ހަރުދަނާ ބަދަލުތަކާއެކު ދިވެހި ރުފިޔާގެ އަގު ރަނގަޅުވެ، މިހާރު ބާޒާރުގައި 16 ރުފިޔާއަށް ޑޮލަރެއް ގަންނަން ޢާއްމުކޮށް ލިބެއެވެ. އަދި ޑޮލަރު ލިބުންވެސް ރައްޔިތުންނަށް އަންނަނީ ފަސޭހަވަމުންނެވެ.

މަރުކަޒީ ބޭންކުން ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމުން، އެކަމުގެ ލުއިފަސޭހަކަން ވިޔަފާރިތަކަށާ ޢާއްމު ރައްޔިތުންނަށްވެސް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *