Ad

ނިލަންދޫ އެއާޕޯޓު އަޅަން ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

ފ. ނިލަންދޫ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ނިލަންދޫ އެއަޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުﷲ ޒިޔާދެވެ.

ފ. ނިލަންދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިންހިއްކުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭ ނިންމުމަށެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ ނިލަންދޫގައި އެއަރޕޯޓެއް އެޅުމާއެކު ސަރަހައްދީ ގޮތުން ބޮޑު ތަރައްޤީއެއް ރަށަށް އަންނާނެ ކަމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި ވައްޓަފާޅިއަށްވެސް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.

ނިލަންދޫއަކީ ގިނަ ޚިދުމަތްތަކެއް ސަރުކާރުން ޤާއިމްކޮށްފައިވާ ރަށަކަށްވުމާއެކު ސަރަހައްދުގެ އެހެން ރަށްތަކުން ޚިދުމަތްހޯދަން އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އިތުރު ފަސޭހަތަކާއި، ޚާއްސަކޮށް ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަން ފާހަގަކުރައްވައި ކައުންސިލްގެ ރައީސްވަނީ ނިލަންދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ޝުކުރު އަދާކުރައްވާފައެވެ.

"ރައީސް ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށްޓަކާ ކުރާ ނިލަންދޫ އެއަރޕޯޓުގެ މަސައްކަތާއެކު މުޅި ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެ. މި ސަރަހައްދުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވޭ އެއަރޕޯޓެއް. މި ޕްރޮޖެކްޓު ހަވާލުކުރެވުނު އެމްޓިސީސީގެ ފަރާތުން ވެސް އެދެނީ މަސައްކަތުގެ ޢަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފައްޓަވާދެއްވާ ނިންމަވާދެއްވުން." ޢަލީ އަޙްމަދު ވިދާޅުވިއެވެ.

ފ. ނިލަންދޫ އެއަރޕޯޓް ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ ސަރވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް ވެސް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް 120 ދުވަހުން ނިންމާ ގޮތަށް ހަވާލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

މިއަހަރުގެ ބަޖެޓުގައި ނިލަންދޫ އެއަރޕޯޓްގެ މަޝްރޫޢޫ ހިމަނާފައިވާއިރު، މަސައްކަތުގެ އަގަކީ 378000 ރުފިޔާއެވެ. މި މަޝްރޫޢުގެ ތެރެއިން މިއަހަރު ކުރުމަށް ކަނޑައަޅާފައިވަނީ ބިން ހިއްކުމާއި އެބިން ރައްކާތެރިކުރުމަށް ބޭނުންވާ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތެވެ.

ނިލަންދޫ އެއަރޕޯޓަކީ ޑޮމެސްޓިކް އެއާރޕޯޓް ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢެކެވެ.

ގުޅުންހުރި ލިޔުންތައް
ފޮޓޯ
ރަސްމީ ދަތުރުފުޅެއްގައި ފ.ނިލަންދޫއަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން މަރްޙަބާ ދަންނަވަނީ. ރައީސް ނިލަންދޫއަށް ފައިބާވަޑައިގަތީ ވާރޭވެހެމުންދިޔަ ވަގުތެއްގައިކަމަށް ވީނަމަވެސް ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރްޙަބާ ދެންނެވުމަށް ނުކުމެ ތިބި. މިރޭ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި މުހިންމު މަޝްރޫޢުތަކެއް ރައީސް ވަނީ އިޢުލާންކުރައްވާފައި.
ފޮޓޯ
އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން އުފައްދާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއާ، އެމްޑަބްލިއުއެސްސީ އިން މިއަދު ސޮއިކުރަނީ. 282 މިލިއަން ރުފިޔާގެ މި މަޝްރޫޢު 1 އަހަރުދުވަހުގެ ތެރޭގައި ނިމޭއިރު އައްޑޫ ސިޓީގެ އާބާދީއަށް ބޭނުންވާނެ މީރު ފެން އެ ސިޓީގައި އުފައްދަމުންދާނެ. އަދި ފެން އުފައްދާ ނިޒާމަށް ބާރު ބޮޑުވެ، މިހާރު ކުރިމަތިވަމުންދާ ދަތިތައް އެކީ ހައްލުވެގެން ދާނެ. އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދަނީ ދެމުން.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *