Ad

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ރާއްޖޭގައި ފަށައިގަތުން : އެމްޕީއެލް އާ ޤައުމީ ބޯޓު ކުންފުންޏާ ތުރުކީގެ ޤައުމީ އެއާލައިން ގުޅިގެން މަސައްކަތްކުރަން ސޮއިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އަލަށް ފަށާ "ސީ-ޓު-އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާތަކެއްގައި ތިން ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.

"ސީ-ޓު-އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ދިނުމަށް ސޮއިކޮށްފައިވަނީ، ޤައުމީ ބޯޓު ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާއި، ޓާކިޝް އެއާލައިންސް އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) އާއެކުއެވެ.

ޓާކިޝް އެއާލައިންސްއާއެކު ސޮއިކުރީ "ސީ-ޓު-އެއަރ" ޓްރާންޝިޕްމަންޓް ޚިދުމަތުގެ ކާގޯ ޕާޓްނަރެއްގެ ގޮތުގައެވެ. މި ފަހުމުނާމާގައި ޓާކިޝް އެއާލައިންސްގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިން އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަލީ ތޯރިގެވެ.

އެމް.އެސް.އެސްއާއެކު ފަހުމުނާމާއެއް ހެދީ ކެރިއަރ ޕާޓްނަރަކަށްވުމަށެެވެ. މި އެއްބަސްވުމުގައި އެމް.އެސް.އެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފެވެ.

އެމް.އޭ.ސީއެލްއާއެކު ފަހުމުނާމާއެއް ހެދީ "ސީ-ޓު-އެއަރ" ޚިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން އެއްބާރުލުން ދީ، ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ. މި ފަހުމުނާމާގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް ވިދާޅުވީ މި ޚިދުމަތަކީ އެމް.ޕީ.އެލްގެ އިތުރުން، ދިވެހިރާއްޖޭގެ އިޤްތިސާދަށްވެސް ފައިދާކުރާނެ ޚިދުމަތެއް ކަމަށެވެ.

ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރ ބިލާލް އޮކުޗް ވިދާޅުވީ އެ އެއާލައިންގެ އަމާޒަކީ އެމް.ޕީ.އެލްއާ ގުޅިގެން ރާއްޖެއަކީ ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށެވެ.

އެމް.ޕީ.އެލް އިން ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން "ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް"ގެ ޚިދުމަތް ފަށާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ. މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައ ބެލެހެއްޓިގެން ދާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.

މި ޚިދުމަތް ކުރިއަށް ގެންދާނީ އެމް.ޕީ.އެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އަދި ބައިނަލްއަޤްވާމީ އެއާލައިންތަކާ ގުޅިގެންނެވެ.

މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެ އަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *