Ad

ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ދަނީ : ރޯދަމަހު ފުރަތަމަ ދިހައެއްގައި ދޮޅު މިލިއަން ރުފިޔާ ލިބިއްޖެ

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ފުރަތަމަ 10 ދުވަހު ޒަކާތުގެ ގޮތުގައި ޖުމްލަ 1،599،113 ރުފިޔާ ލިބިފައިވެއެވެ. މި މުއްދަތުގައި 38،681 މީހުން ވަނީ ޒަކާތް ދައްކާފައެވެ.

އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ.

އެގޮތުން 22،759 މީހުން އާދައިގެ ހަނޑުލުން ޒަކާތް ދައްކާފައިވެއެވެ. އަދި 5,208 މީހަކު އާދައިގެ ބާސްމަތީ ހަނޑުލުން ޒަކާތް ދައްކާފައިވާއިރު 4,188 މީހަކު އެންމެ މޮޅު ބާސްމަތީ ހަނޑުލުން ވަނީ ޒަކާތް ދައްކާފައެވެ. މީގެއިތުރުން ރަށް ހަނޑުލާއި، ތައިލޭންޑް ހުދު ހަނޑުލުންވެސް ބައެއް ފަރާތްތަކުން ޒަކާތް ދައްކާފައިވެއެވެ. މީގެ އިތުރުން އާޓާ ފުށާއި އާދައިގެ ފުށުން ވެސް ބައެއް ފަރާތްތަކުން ޒަކާތް ދައްކާފައިވެއެވެ.

ޒަކާތު ހައުސްއިން ބުނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ ކަމަށާއި، ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދުވި ނަމަވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އޮންލައިންކޮށް ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް ދިރާގް އެޕް އަދި އެސްއެމްއެސް، އުރީދޫ އެމްފައިސާ އަދި އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ފައިސާ މޮބައިލް އެޕްލިކޭޝަން އަދި ފައިސާ ނެޓް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހިޕޭ އެޕްލިކޭޝަން އަދި ވެބްސައިޓުގެ އިތުރުން ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައަޅަނީ އާންމުކޮށް ކާން ބޭނުންކުރި ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯ އަށް ވާ އަގުންނެވެ.

ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *