ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއްގައި ނަސާރާ ދީނުގެ މައުލޫމާތު ހިމެނޭ ލިޔުންތަކެއް ބެހި ދެ ބިދޭސީން އަންހެނުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ހިޔާ ޓަވަރުތަކުގައި ހުންނަ މެއިލް ބޮކްސްތަކަށް އިސްލާމް ދީނާ ހިލާފު ލިޔުންތަކެއް އެޅި މައްސަލާގައި މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައި ވަނީ ޖަރުމަނު ވިލާތަށް ނިސްބަތްވާ ދެ އަންހެނުންނެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް ވެސް 10 ދުވަސް ޖަހައިދީފައެވެ. އެ ދެމީހުން ހިޔާ ފްލެޓުތަކުގެ މެއިލް ބޮކްސްތައް ކައިރީ ހަރަކާތްތެރިވާ ފޮޓޯތަކެއް އާންމުވެފައިވާއިރު، އެމީހުން ގެންގުޅުނު ދަބަސްތަކުން އެއްޗިހި މެއިލް ބޮކްސް ތަކަށް އަޅާ މަންޒަރު ފޮޓޯއިން ފެނެއެވެ.
ކްރިސްޓިއަން ދީނުގެ ލިޔުންތަކާއި ވީޑިއޯތައް ދިވެހި ބަހަށް ތަރުޖަމާކޮށް އެ އެއްޗެހި ފެންނާނެ ލިންކުތައް ހިމެނޭ ކާޑުތަކެއް އެމީހުން ވަނީ މެއިލް ބޮކްސްތަކަށް އަޅައިފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އަހުމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް އެ މީހުން ގެންގޮސްފައިވާ ކަމަށެވެ. އެ މައްސަލަ ބަލަމުން އަންނަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔާތްކުރުމުގެ ގާނޫނާއި ހިލާފު ލިޔުންތަކެއް އެޅި މައްސަލައެއްގެ ގޮތުގައެވެ. އެ ދެ މީހުން ރާއްޖެ އައިސްފައި ވަނީ ޓޫރިސްޓު ވިސާގައެވެ.