Ad

ހުރިހާ ދާއިރާއެއްގެ މުސާރަވެސް ބޮޑުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މިދައުރު ތެރޭގައި ހުރިހާ ސެކްޓަރއެއްގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ޢާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް ދެއްވި ޖަވާބުގައެވެ.

ފުވައްމުލައް ސިޓީ، ނިއުވެލީ، ޢަލީ ޝަފީޢު ވަނީ، ޕޮލިހުންގެ މުސާރަ ބޮޑުކޮށްފައި، އެހެނިހެން މުއައްސަސާތަކުގެ މުސާރަ ބޮޑުކުރަނީ ކޮންއިރަކުތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އިޤްތިސާދު ހަރުދަނާ ވަމުންދާ މިންވަރަކުން ކުރިއަށް އޮތްތަނުގައި ހުރިހާ ދާއިރާއެއްގެ މުސާރަ ވެސް، އެމަނިކުފާނުގެ ވައުދުފުޅާއި އެއްގޮތަށް ބޮޑުކޮށްދެއްވާނެކަމަށެވެ.

" އަޅުގަނޑު ވައުދުވެފަ އޮންނާނީ، ގައުމުގެ އިގުތިޞާދު ހަރުދަނާ ވަމުންދާ މިންވަރަކުން، އާމްދަނީ ލިބޭ މިންވަރަކުން، އިޤްތިޞާދުގަ ބުންވަރު ޖެހޭ މިންވަރަކުން، މިދައުރުތެރޭގައި ހުރިހާ ސެކްޓަރއެއްގެ މުސާރަ ބޮޑުކޮށްދޭނެކަމަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ވަނީ ބައެއް ދާއިރާތަކުގަ މުސާރަ ބޮޑުކުރެވިފައި ކަމަށެވެ. އެގޮތުން ޕޭ ހާމަނައިޒް ކުރެވި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރެވިފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއަދުގެ ޖަވާބު ފަށްޓަވަމުން ރައީސް ވަނީ ރަމަޟާންމަހުގެ ފަހު 10 ބަންދުކުރެއްވީ ރޭއަޅުކަމާއި ހެޔޮ ޢަމަލުތަކަށް ފުރުޞަތު ދެއްވުމަށްކަމަށް ވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި ރަމަޟާންމަހުގެ ފަހު 10 ގެ ދަރުމަ ދިވެހި ރައްޔިތުންނަށް ލިބުން އެދިވަޑައިގެން ދުޢާކުރެއްވިއެވެ. އަދި ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ރަމަޟާންމަހުގެ ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، އަޅުކަން ގިނަކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރެއްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަނީ ކޮންމެ އަހަރަކު ވެސް ރަމަޟާން މަހުގެ ފަހުދިހަ ބަންދުވާނެކަމަށް ނިންމަވާފައެވެ. މިއީ އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީޚަށް ބަލާއިރު، ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ޚާއްޞަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ. ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ޚާއްޞަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.މިއަހަރު ސަރުކާރުން ރައްޔިތުންނަށް ރޯދަ ހަދިޔާ ވެސް ބެއްސެވިއެވެ. އަދި ރޯދަމަހު ކަރަންޓާ ފެނުގެ ބިލުތައް ބޮޑުވިޔަ ނުދޭން ބިލްތަކުން ޑިސްކައުންޓެއް ދެއްވައި ވަކި މިންވަރެއް މަޢާފްކޮށްދެއްވާނެކަންވެސް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.

އެގޮތުން ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރޯދަމަހަށް މިއަހަރުގެ ރޯދަމަސް ވާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *