Ad

ރައީސްގެ ބޮޑު ވަޢުދެއް ހަގީގަތަކަށް : އީ-ވޮލެޓުގެ ޚިދުމަތް ފަށައި، ވިޔަފާރި މުޢާމަލާތް ޤައުމުތަކާއެކު ކުރަން ފަސޭހަކޮށްދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، އީ-ވޮލެޓް ޚިދުމަތް ރާއްޖޭގައި ދޭން މިއަދު ފަށައިފިއެވެ، ބޭރު ފައިސާގެ މުޢާމަލާތް ޑިޖިޓަލް ވޮލެޓް ނުވަތަ އީ-ވޮލެޓް މެދުވެރިކޮށް ރާއްޖޭގައި ދޭން ފަށައިފިކަން މިއަދު އިޢުލާނުކުރީ ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިންނެވެ.

2023 ވަނަ އަހަރު، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ޑިޖިޓަލް އަދި އެންމެ ޒަމާނީ މުޢާމަލާތްތައް މުޅި ދުނިޔެއާ ކުރެވޭ ވަރަށް ރާއްޖެ ހިންގުމުގެ ނިޒާމު ޒަމާނީ ކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން އެންމެ އިސްކަންދެއްވާ އެއްކަމެއްގެ ގޮތުގައި އީ-ވޮލެޓުގެ ޚިދުމަތް ރާއްޖޭގައި ތަޢާރަފްކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ޒުވާނުންނާ ވިޔަފާރިވެރީންނަށް ވަކީން ޚާއްޞަކޮށް، އަދި ޢާއްމުކޮށް ހުރިހާ ދިވެހީންނަށްވެސް ދުނިޔޭގެ އެތަންމިތަނާ މުޢާމަލާތްކޮށް، ވިޔަފާރިކޮށް، އާމުދަނީ އިތުރުކުރުމަށް މުހިންމުކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

އީ-ވޮލެޓުގެ ޚިދުމަތް ދިވެހިރާއްޖޭގައި ދެއްވަން ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން މި ފެށްޓެވީ ވެރިކަމާ ހަވާލުވެވަޑައިގަތްތާ 5 ވަނަ މަހުގެ ތެރޭއެވެ. ޤައުމުގެ މާލީ ނިޒާމަށް ގެންނަވަމުން ގެންދަވާ ހެޔޮބަދަލުތަކާއެކު، ރައީސް މުޢިއްޒުގެ ޒަޢާމަތުގައި މިވީ މަދުދުވަސްކޮޅުގެ ތެރޭގައި ދިވެހި ރުފިޔާގެ އަގުވަނީ މަތިވާން ފަށައިފައެވެ. ޑޮލަރު ގަންނަން ލިބޭ ރޭޓު ވަނީ ތިރިވާން ފަށައިފައެވެ. މުދަލުގެ އަގުތައް ބޮޑުވެގެންނެއް ނުދެއެވެ. ރާއްޖެއިން ދައްކަން ހުރި ދަރަނިތައް ދެއްކުމަށް ޑޮލަރު ޖަމާކުރަން އުފައްދާފައިވާ ސޮވަރިންގ ފަންޑް މުޅީން ހުލިވެފައިވަނިކޮށް ވެރިކަމުގެ ފުރަތަމަ 4 މަސްތެރޭ އެ ފަންޑަށްވެސް 30 މިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދެއް ރައީސް މުޢިއްޒުގެ ސަރުކާރުން މިހާރުވަނީ ޖަމާކޮށްދެއްވައިފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާލްސް ސުޓުމްކަ މިއަދު ވިދާޅުވީ، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަކީ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭ ފަރާތްތަކެއް ކަމަށާއި މިކަމުގެ ސަބަބުން އެފަރާތްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް މިހާރު މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން ބޭރުގެ ފާއިސާގެ މުއާމަލާތްތައް ދައްޗެއް ނެތި ކުރެވޭނެ ކަމަށެވެ. އަދި ކުރިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް މުއާމަލާތްތައް ފަށައިގަނެވޭނެއެވެ.

އީ-ވޮލެޓުގެ ޚިދުމަތާއެކު އެންމެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނީ ރާއްޖޭގެ ފަންނުވެރީންނަށެވެ. ބައިނަލްއަޤްވާމީ މާރުކޭޓުތަކުގައި އަދި މަންސަތަކުގައި ރާއްޖޭގެ ފަންނުވެރީންގެ އެކި އުފެއްދުންތަކާ ހުނަރުތައް އިޝްތިހާރުކޮށް ބޭރު ފައިސާއިން އާމުދަނީ ހޯދުމުގެ މަގު މިހާރު މިވަނީ ހުޅުވިފައެވެ. މިއީ ރާއްޖޭގެ ފަންނުވެރީން އެދެމުން އަދި އިންތިޒާރުކުރަމުންދާތާ އެތައް އަހަރެއްވެފައިވާ ކަމެކެވެ.

ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ބަދަލެއް ގެނަސް، ޤައުމާ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިގޮތުން އީ-ވޮލެޓުގެ އިތުރުން ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ ވިޔަފާރި ގޭޓްވޭތައްވެސް ރާއްޖޭގައި ބޭނުންކުރުމުގެ މަޝްވަރާތައް ކަމާ ގުޅުންހުރި ބޭރުގެ ފަރާތްތަކާއެކު ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ވަނީ ފަށްޓަވައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *