ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެދަށުން، މިމަރޗް މަހު ކަރަންޓާއި ފެން ބިލްތައް ދާނީ "ރަމަޟާންމަހުގެ ޑިސްކައުންޓް" އެބިލްތަކުގައި ހިމެނިގެންކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހު ކަރަންޓާއި ފެނަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ، އެކަމަށް ރައްޔިތުންނަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި، އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލު ހުންނާނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކަށް އަންގަވާފައެވެ. އެގޮތުން މިމާރިޗް މަހު ކަރަންޓާއި ފެނުގެ ޚިދުމަތަށް ބިލުކުރާއިރު ޑޮމެސްޓިކް ކަރަންޓު އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވީ މިގޮތަށް ބިލްކުރާއިރު އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައި ވާނީ، ފާއިތުވި 2023 އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހުގައިކަމަށެވެ.
އެގޮތުން ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރާރު، މިއަހަރުގެ މާރިޗް މަހުގެ ބިލަށް އެރި އަދަދާއި "ރަމަޟާން މަހުގެ ޑިސްކައުންޓް"ގެ ގޮތުގައި ދޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވްރެޖު އަދަދު ބިލުން ފެންނަގޮތަށް ހިމަނަން އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ކުންފުނިތަކަށް އަންގާފައިވާކަމަށް އެއޮތޯރިޓީންވަނީ ބުނެފައެވެ.
ރަމަޟާން މަހަކީ އެހެން މަސްތަކާ އަޅާބަލާއިރު ކަރަންޓާއި ފެން ބޭނުންކުރާ މިންވަރު އިތުރު މަހެކެވެ. އަދި މިދުވަސްވަރު ހޫނު ގަދަ ދުވަސްތަކާ ދިމާވާތީ ކަރަންޓަށް ރައްޔިތުން ކުރަންޖެހޭ ހޭދަ ބޮޑުވެއެވެ.
އާއްމުގޮތެއްގައި ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލަށް އަރާވަރަށްވުރެ ބިލުތައް ބޮޑުނުވާނެގޮތަށް ރަމަޟާން މަހު ބިލުކުރުމަށް ކުންފުނިތަކަށް އަންގަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ މަރޗް 3ވަނަ ދުވަހު ބ.އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައެވެ.
ކަރަންޓު ބިލާއި ފެންބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާތައް މަޢާފްކޮށްދެއްވުމަށް ނިންމަވާ، އޭޕްރިލް މަހުގެ 1އިން ފެށިގެން އެކަމަށް ޢަމަލުކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކުންފުނިތަކަށް އަންގަވާފައެވެ.