Ad

އާސަންދައިން އެހީ ލިބޭ ކަންކަމުގެ ތެރެއަށް މެޑިކަލް ޗެކަޕް : މިއީ ރައްޔިތުންނަށް ލިބޭނެ ބޮޑު ފަސޭހައެއް

އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފުކޮށް، އުމުރުން 18 އަހަރުން ދަށުން ސްކޫލު ދަރިވަރުންނަށް ހާއްސަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެ ކަން ހާމަކޮށް މިއަދު އާސަންދައިން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ ހަފުތާ 14 ގައި ހިމަނާފައިވާ މަގުޗާޓުގައި ހިމެނޭ ގޮތަށް، 35 އަހަރުން މަތީގެ މީހުންނަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ދަރިވަރުން ހަދަންޖެހޭ ހާއްސަ ޓެސްޓުތައް ވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް މިހާރު ހެދޭނެ ކަމަށެވެ.

އާސަންދައިގެން ދަށުން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު އެންމެ ފުރަތަމަ ހަމަޖައްސާފައި ވަނީ 50 އަހަރުން މަތީގެ މީހުންނަށެވެ. އެއީ މިދިޔަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

މިއަދުން ފެށިގެން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެއެވެ. އަދި އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ.

އާސަންދައިން ބުނީ 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެއް ހިމެނޭ ކަމަށެވެ. ކެންސަރު ސްކްރީނިން ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއް ފަހަރު ހެދޭނެއެވެ. ވަކި މުއްދަތެއްގެ ތެރޭގައި ހަދަން ކަނޑައަޅާފައިވާ ޓެސްޓުތައް ވެސް ޑޮކްޓަރު ލަފާ ދީފިނަމަ، ސްކީމްގެ ތެރެއިން ހެދޭނެ އިންތިޒާމް ހަމަޖައްސާނެއެވެ.

މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ނަން ނޯޓު ކުރެވޭނެއެވެ. އެޕޮއިންޓްމަންޓު ހަމަޖެހުމުން، އެ މަރުކަޒަކުން ބުނާ ތާރީޚެއްގައި ދިއުމުން މެޑިކަލް ޗެކަޕް ހެދޭނެއެވެ. މެޑިކަލް ޗެކަޕުގެ އެޕޮއިންޓްމަންޓު ހަދަން ގުޅާނީ، 7226614 ނަންބަރަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *