ރާއްޖޭގެ ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަހައްދު އަމިއްލަ އަށް ބެލެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތަށް ހާއްސަކޮށްގެން ކަސްޓަމްސްގެ ހާއްސަ ސެކްޝަނެއް އުފައްދައިފިއެވެ.
ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ ކަސްޓަމްސްގެ ކޮންޓްރޯލްޑް ސަރަހައްދުތަައް ބެލަހެއްޓުމުގެ މަސައްކަތް ކުރުމަށް އުފައްދާއިފައިވާ މި ސެކްޝަނަކީ "ރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން" އެވެ.
މި ސެކްޝަނުގެ މަސައްކަތް ތަކުގެ ތެރޭގައި މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ހުރި އުޅަނދުފަހަރުގެ ކަންކަން ބެެލެހެއްޓުން ހަރުދަނާ ކުރުން ހިމެނެއެވެ.
މީގެއިތުރުން ސަވައިލެންސް ޑްރޯން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އުޅަނދުފަހަރު މޮނިޓާ ކުރުމަށް އެމްއެންޑީއެފްއާ އެކު ކަސްޓަމްސްގެ އާ ސެކްޝަނުން މަސައްކަތް ކުރާނެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަސްޓަމްސް އިން ތަންފީޒުކުރަން ޖެހޭ ކަންކަން ކުރުމަށް އެމްއެންޑީއެފްއާ ގުޅިގެން އޮޕަރޭޝަންތައް ހިންގުމުގައި ވެސް ހަރަކާތްތެރިވާނީ މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން އެވެ.
ކަސްޓަމްސް އިން ވަނީ އަލަށް އުފެއްދި ސެކްޝަނަށް ހާއްސަކޮށް ވަކި ޔުނީފޯމަކާއި ލޯގޯ ފަރުމާކޮށްފައެވެ. އަދި ސެކްޝަނަށް ބޭނުންވާ އުޅަނދުފަހަރާއި ވަސީލަތްތައް ހޯދުމާއި، ސެކްޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
އެގޮތުން، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމަށް ޗައިނާ އެމްބަސީ އިންނާއި އެމެރިކާގެ "އެކްސްޕޯޓް ކޮންޓްރޯލް އެންޑް ރިލޭޓަޑް ބޯޑާ ސެކިއުރިޓީ"ގެ ފަރާތުން ޔަގީންކަން ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މި ސެކްޝަނުގެ މަސައްކަތުގައި މިހާރު ބޭނުންކުރާނީ ކަސްޓަމްސްގެ މެރިޓައިމް އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ދެ އުޅަނދެވެ. އަދި ޖަޕާނުން މިފަހުން ކަސްޓަމްސް އަށް ހަދިޔާކުރި 30 ފޫޓުގެ ދެ ޕެޓްރޯލް ވެސެލް ވެސް މި ސެކްޝަނުގެ މަސައްކަތުގައި ބޭނުންކުރާނެއެވެ. ނަމަވެސް އެ އުޅަނދު އަދި ރާއްޖެ ގެނެސްފައެއް ނުވެއެވެ.