ބަންގްލަދޭޝްގެ ބިއުޓީ ކުއީން މެގްނާ އަލަމް ސައުދީ އަރަބިއްޔާއިން ބަނގްލަދޭޝް އަށް ކަނޑައަޅާފައި ހުންނެވި އެމްބެސެޑަރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށްބުނުމުން ޢެނާގެ މައްޗަށް ޑިޕްލޮމެޓިކް ގުޅުމަށް ނުރައްކާކުރި ކަމުގެ ތުހުމަތުކޮށް ޖަލަށް ލައިފިއެވެ.
ޑިޕްލޮމެޓިކް ގުޅުމަށް ބުރޫ އަރާކަމުގެ ތުހުމަތުތަކާ ގުޅިގެން ދައުލަތުގެ ސަލާމަތަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި މޮޑެލް މެގްނާ އަލަމް ބަންގްލަދޭޝްގައި ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އަދި ހާއްސަ ގާނޫނުގެ ދަށުން މެގްނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާކަމަށްވެސް ބުނެފައިވެއެވެ.
ބަންގްލަދޭޝްގެ ސިޔާސީ ގުޅުމަށް ނުރައްކާކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ މޮޑެލް މެގްނާ އަލަމް ހައްޔަރުކުރި މައްސަލާގައި އޭނާގެ ބައްޕަ ބަދުރުލް އަލަމް ބުނީ އޭނާ ހައްޔަރުކުރީ ޑާކާގައި އޭރު ހުންނެވި ސައޫދީ ސަފީރާ އޮތް ގުޅުމަކަށް ފަހު ކަމަށެވެ.
އެމްބެސެޑަރާއި މެގްނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު، މެގްނާ އެމްސެޑަރުގެ ކައިވެނީގެ ހުށަހެޅުމަށް ދެކޮޅު ހެދީ މިހާރުވެސް އެމްސެޑަރުގެ އަންބަކާ ދަރިން ތިބޭތީ،" މެގްނާގެ ބައްޕައާއި ހަވާލާދީ ނިއުސް އެޖެންސީ އޭއެފްޕީ އިން ބުނެފައިވެ އެވެ.
ބަންގްލަދޭޝްގެ ފުލުހުންވެސް ބުނެފައިވަނީ އެގައުމުގެ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ގޯސްކުރުމުގެ މަގުސަދުގައި "މުހިންމު ފަރާތަކާމެދު" ދޮގު ތުހުމަތުތަކެއް ކުރުމުން އުމުރުން 30 އަހަރުގެ މެގްނާ އަލަމް ދައުވާއަކާ ނުލައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ބަންދުގައި ބަހައްޓާފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު، އޭނާގެ މައްޗަށް އުފުލަން ތައްޔާރުވަނީ ދައުލަތުގެ ސަލާމަތަށް ހުރަސް އެޅުމާއި، ގައުމުގެ މާލީ މަސްލަހަތު ފުށުއަރާ ފަދަ ތުހުމަތުތަކެއް ކަމަށް ފުލުހުން ބުނެއެވެ.
އުމުރުން 30 އަހަރުގެ ބަންގްލަދޭޝް މޮޑެލް، ބަތަލާ އަދި ތިމާވެއްޓަށް ވަކާލާތު ކުރާ މެގްނާ އަލަމް މަޝްހޫރުވީ މިސް އާތު ބަންގްލަދޭޝް 2020 ގެ ނަމުންނެވެ. އުމުރުން 12 އަހަރުން ފެށިގެން މެގްނާ އަންނަނީ ޖެންޑާ ޑައިނަމިކްސް އާއި މޫސުމަށް އަންނަ ބަދަލުތަކާއި ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މައްސަލަތަކާ ގުޅޭގޮތުން ވަކާލާތުކުރަމުންނެވެ.
މެގްނާ އަކީ މުޖުތަމައުގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ މިސް ބަންގްލަދޭޝް ފައުންޑޭޝަންގެ ޗެއާއެކެވެ. އަދި މިސް ބަންގްލަދޭޝް އޯގަނައިޒޭޝަންގެ ނޭޝަނަލް ޑައިރެކްޓަރުގެ ހައިސިއްޔަތުން މިސް އާތުއަށް އެ ގައުމުގެ މަންދޫބުން ހޮވުމުގައި މެގްނާ އިސް ދައުރެއް އަދާކުރައްވަ އެވެ. އޭފްޕީ




