ތުރުކީގެ ރައީސް ވިދާޅުވެފައިވެއެވެ؛ ތިމާމެންގެ ވެރިމީހާ ނަމާދުކުރޭ ހެއްޔެވެ؟ ހެޔޮ ކަންކަމަކަށް އަމުރު ކުރޭ ހެއްޔެވެ؟ ހެޔޮ ނަސޭހަތް ދޭ ހެއްޔެވެ؟ ދީނީ ކަންކަމަށް އޮންނަ ލޯބި ޢަމަލުން ދައްކާ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބަކީ "އާނއެކޭ ނަމަ" އެ ވެރިއެއްގެ ފަހަތުގައި ދެމިތިބޭށެވެ. ދުނިޔެއާއި އާޚިރަތް ވެސް ގެއްލި ނުދާނެއެވެ.
މި މިސާލު އަޅުގަނޑު ގެނެސް މި ފައްތާލަނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށެވެ. ނަމޫނާއަކަށް މި ނަގަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ތުރުކީގެ ރައީސްގެ ސުވާލުތަކުގައި ފާހަގަ ކުރައްވާފައިވާ ހުރިހާ ކަމެއް ޑރ. މުއިއްގެ ކިބައިން އެބަފެނެއެވެ. ޖަމާއަތުގައި ނަމާދު ގާއިމް ކުރައްވައެވެ. ހެޔޮ ކަންކަމަށް އަބަދުމެ ނަސޭހަތްތެރިވެއެވެ. ރޯދަ މަހުގެ ދަމު ނަމާދު ގާއިމް ކުރެއްވިއެވެ. ހިތްހެޔޮ ކަމާއި މަޑުމައިތިރި ކަމާއެކު ރައްޔިތުންނާ މުޚާތަބު ކުރައްވައެވެ. އެހެންކަމުން ޑރ. މުޢިއްޒުއަކީ ނަމޫނާ އިސްލާމީ ލީޑަރެކެވެ. ރައީސެކެވެ.
ފާއިތުވި ރޯދަ މަހަށް ބަލައިލާނަމެވެ. ފެނިގެން ދިޔައީ އެމަނިކުފާނު ރައްޔިތުންނަށްޓަކައި ދެއްކެވި އާދަޔާ ޚިލާފު ނަމޫނާއާއި އެޅުއްވި ހެޔޮ ފިޔަވަޅުތަކުގެ އަގުނުކުރެވޭ ފަދަ ނަތީޖާއެވެ.
ފާއިތުވި 10 އަހަރުގެ ދިގު ތާރީޚަށް ބަލާއިރުވެސް ބާޒާރުގައި ތަކެތީގެ އަގުތައް ނުއުފުލި އަތްފޯރާ ފަށުގައި ހިފެހެއްޓުނީ ހަމައެކަނި މިދިޔަ ރޯދަމަހެވެ. އެއީ ދުރާލާ ޑރ. މުޢިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އެޅުއްވި ހިކުމަތްތެރި ފިޔަވަޅުތަކުގެ ނަތީޖާއެވެ.
"ވަކި އެއްޗެއް ނޫން، ހުރިހާ އާންމު ކާބޯތަކެތީގެ އަގުތައްވެސް މިފަހަރުގެ ރޯދަމަހު ހުރީ އެކަށީގެންވާ އަގުތަކެއްގައި. އަދި ބާޒާރުގައި ސަޕްލައި މަދުވެ، އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގު ރަނަށް ވެގެން، އުފުލިގެން ދިޔަތަނެއް ނުފެނޭ،" ބާޒާރުމަތީގެ ފިހާރައެއްގެ ޒަމާންވީ ސޭޓަކު ބުންޏެވެ. "މިކަން ކޮންމެވެސް ބަޔަކު ފާހަގަކުރަން އެބަ ޖެހޭ."
އެހެން ވާހަކައެކެވެ؛ ރާއްޖެ އިސްލާމްވެގެން މިއަދާ ހަމައަށް އައިއިރުވެސް، މިދިޔަ 897 އަހަރުގެ ދިގު ތާރީޚުގައި، އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ގޮތެއްގެ މަތިން ވެރިކަމުގެ ފަރާތުން ކާޑުގެ ބާވަތްތައް ހަދިޔާކުރި މިއީ ފުރަތަމަ ރޯދަމަހެވެ. ވާދަވެރި ބައެއް ލީޑަރުން މިކަމާ ފުރައްސާރަކުރެއްވި ނަމަވެސް، ގިނަ ބަޔަކު މިކަން ބަލައިގަތީ ޝުކުރުވެރިކަމާއެކުއެވެ. ޑރ. މުއިއްޒަށް އެމީހުންގެ ހެޔޮ ދުޢާ ލިބިގެންދިޔައެވެ.
"ސަރުކާރުން އަހަރެމެންނަށް ރޯދަމަހު މިވަރުގެ ހަދިޔާއެއްވެސް ދިން މިއީ ފުރަތަމަ ފަހަރު. ޑރ. މުއިއްޒުއަށް ފަށްފަށުން ޝުކުރިއްޔާ،" ހުޅުމާލޭ ދޭއްގައި ދިރިއުޅޭ ޢައިޝަތު ޢަލީ ބުންޏެވެ.
އަދި އެވަރުން ނިމުނީއެއް ނޫނެވެ. ކަރަންޓްގެ ސަބްސިޑީ ވެސް ރޯދަމަހަށް ކުޑަކޮށްދެއްވީ ސީދާ ރައީސްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ. ރައްޔިތުންނަށް ލުއި ދެއްވުމުގެ ގޮތުންނެވެ. ރޯދައިގެ ކަރަންޓް ބިލުގެ ސަބްސިޑީ، ކޮވިޑް ހާލަތުގައި އޭރުގެ ސަރުކާރުން ދިން ސަބްސިޑީއަށްވުރެވެސް މާބޮޑެވެ. ރައްޔިތުންގެ ޖީބަށް މި ރޯދަ މަހު އަނެއްކާވެސް އިތުރު ލުޔެއް ލިބިގެން ދިޔައީއެވެ. މިއީ ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ ދިރިއުޅުގެ ހާލަތު ރަނގަޅު ކޮށްދެއްވުމަށް އިސްކަން ދެއްވާ މިންވަރު ސާފުކޮށްދިން މިސާލެކެވެ.
ރޯދަމަހު އާންމުކޮށް ދެއްވި ކޮންމެ ތަގުރީރެއްގައިހެން، ދެއްކެވި ކޮންމެ ވާހަކަފުޅެއްގައިހެން، ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބުމަށް ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ. އަދި ރޯދަމަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި އަޅުކަމުގައި ގިނަ ވަގުތު ހޭދަކޮށް ޢާއިލާއާއެކު ގިނަ ވަގުތު ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދެއްވުމުގެ ގޮތުން ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުކުރައްވައި މުވައްޒަފުން ވީއްލެވިއެވެ. އަދި ޗުއްޓީގެ މި ދުވަސްތަކުގައިވެސް ޑިއުޓީ ފުރަންޖެހޭ މުވައްޒަފުންގެ މަތިން ހަނދުމަފުޅު ނައްތަވާނުލައްވާކަން ދޭހަކޮށްދިނީ އެމުވައްޒަފުންނަށް ޚާއްސަ އެލަވަންސެއް ރޯދަ މަހު ދެއްވުމުންނެވެ.
ރާއްޖޭގެ ނަން މަޝްހޫރު ދީނީ ޢިލްމުވެރިއަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަހުގެ ތާރީޚުގައި އިސްލާމް ދީނުގެ ކަންކަމަށް އެންމެ ފަރުވާތެރިވެވަޑައިގެންނެވި އަދި ޢަމަލީ ގޮތުން ރައްޔިތުންނަށް އެކަން ދެއްކެވި ހަމައެކަނި ލީޑަރަކީ ޑރ. މުޢިއްޒުއެވެ. ވިދާޅުވިއެވެ؛ "އެންމެ ކުރީ ސަފުގައި ޖަމާޢަތުގައި ނަމާދުކުރެއްވި. ރޯދަ މަހު ދަމު ނަމާދުކުރެއްވި. ދީނީ ކަންކަމުގައި ރައްޔިތުންނަށް ޝާމިލުވެ އުޅެވޭނެ ގޮތްތައް ފަހިކޮށްދެއްވި. މިސްކިތްތަކުގެ އިންތިޒާމުތައް ހުރީ ފުރިހަމައަށް ތަރުތީބުކުރެވިފައި. މިއީ އުފަލުން ރޮވޭ ފަދަ ނިޢުމަތެއް. ޑރ. މުއިއްޒު އެދައްކަވާ ނަމޫނާ ހުރިހާ ވެރިންވެސް ދައްކަވާނެ ނަމައޭ ހިތަށްއަރާ."