Ad

ރައީސް ޔާމީންގެ އަތްދަށުން ސަލާމަތްވެވުނީ ޑރ. މުއިއްޒުއަށް އެކަނި

ހިކުމަތްތެރިކަމުގެ ނަމޫނާއެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ އެމަނިކުފާނަށް ހުރަކަކަށްވާ ކޮންމެ މީހަކަށް ސިޔާސީ ގޮތުން އިންތިހާ ދުއްތުރާތައްކޮށް، ފާޅުގައި ބޮޑެތި ގެއްލުންތައް ދެއްވަމުން ގެންދެވި ބޭފުޅެކެވެ. އަބަދުވެސް ކޮންމެވެސް ބަޔަކު އަދުއްވުންގެ ގޮތުގައި ބައްލަވައި އެމީހުންނަށް ތަފާތު ގޯނާތައް ކުރެއްވުމަކީ އުފާފުޅެއް ކަމުގައި ރައީސް ޔާމީން ގަބޫލުފުޅު ކުރެއްވިއެވެ.

މި ރިޕޯޓުގެ މަގުސަދަށްޓަކައި މި ފަށަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއާ ހިސާބުންނެވެ. ރައީސް ޔާމީނާ ވާދަކުރައްވަން ނުކުންނަވާފައި ހުންނެވީ އުމަރު ނަސީރުއެވެ. އެހިސާބުން އިލެކްޝަނާ ގުޅޭ ކޮމިޓީތަކާއި އިންތިހާބާ ގުޅޭ މުހިއްމު މަގާމުތަކަށް ރައީސް ޔާމީންގެ ބަސްވިކޭ ބޭފުޅުން ހަމަޖައްސަވައި ކުޅިބައި އަތުރާލެއްވިއެވެ.

ޕްރައިމަރީ އޮތް ދުވަހުގެ ހަވީރު އުމަރު ނަސީރު ވިދާޅުވީ އިންތިހާބު ގަޑުބަޑުކޮށް ނަތީޖާ އޮޅުވާލުމަށް ރައީސް ޔާމީން އެބަ މަސައްކަތްކުރައްވާ ކަމަށެވެ. އެހިސާބުން ސަޕޯޓަރުންނާއެކު ކަލާފާނު ސްކޫލުގައި ހުރި ވޯޓުލާ ސެންޓަރަށް ގަދަކަމުން ވަދެގަންނަން އުމަރު މަސައްކަތްކުރެއްވުމުން މާރާމާރީއަކަށް ހާލަތު ބަދަލުވެގެން ދިޔައެވެ.

މޮޅުވީ ރައީސް ޔާމީނެވެ. ދެން އުމަރު އަމިއްލައަށް އާޓިފުޝަލް ބީޗުގައި ޖަލްސާއެއް ބާއްވަވައި ވިދާޅުވީ އެމަނިފާނަކީ ހުދުވަލެއް ކަމަށާއި ހުދުވަލުގައި އެންމެން ހިފުމަށެވެ. އުމަރު ނަސީރު ރައީސް ޔާމީން ސިފަ ކުރެއްވީ ކަޅުވަލެއްގެ ގޮތުގައެވެ. ގިނަ ތުހުމަތުތަކަކާއެކީގައެވެ؛ ކޮރަޕްޝަނުގެ ތުހުމަތެވެ. ގޭންގުތަކާ ގުޅުން އޮންނަކަމުގެ ތުހުމަތެވެ. ވާދަވެރިންނަށް ރާވައިގެން ގެއްލުންދެއްވުމެވެ. މިހެން ގޮސް ވަރަށް ގިނަ ތުހުމަތުތަކެއް އޭނާ ކުރެއްވިއެވެ.

ރައީސް ޔާމީނާ ދެކޮޅަށް އުމަރު ނަސީރު ފެއްޓެވި މަސައްކަތުން އުމަރަށް ކުރިއެރުމެއް ނުލިބުނެވެ. އުމަރުގެ ވިދުން ދިޔައީ ފަނޑުވަމުންނެވެ. އެންމެ ފަހުން ޕީޕީއެމުންވެސް އުމަރު ބޭރުކުރިއެވެ.

ޕީޕީއެމްގައި ރައީސް ޔާމީންގެ ބޭބޭފުޅު މައުމޫނު އަބްދުލްޤައްޔޫމުގެ ނުފޫޒު ގަދަވާހެން ހީވާން ފެށުމުން އެމަނިކުފާނާ ދެކޮޅަށް ޕީޕީއެމްގެ ތެރެއިން ޓީމެއް ނެރުއްވާ ފާޅުގައި އެޓީމު ލައްވައި މައުމޫނަށް ޖެއްސުންކޮށް، ތުއްތުރާ ދެމުން ދިޔައެވެ. ޕީޕީއެމް އޮފީހަށް ރައީސް މައުމޫނު ވަނުމަށް ވެސް އެޓީމުން ހުރަސް އެޅިއެވެ. އަދި އެ ޚިޔާލުތަފާތުވުމުގެ ނަތީޖާއަކީ ރައީސް މައުމޫނު ޕީޕީއެމްގެ އޮފީހުން ދާއިމަށް ނެރެލައްވައި މަގުމަތިކޮށްލެއްވުމެވެ.  އެހިސާބުން މައުމޫނު އުފެއްދެވީ މައުމޫނު ރިޕޯމް މޫވްމަންޓް، އެމްއާރްއެމް އެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވި އެއް ހަރަކާތަކީ އެމްއާރްއެމްއެވެ.

ޔާމީންގެ ވެރިކަމުގެ ޑިފެންސް މިނިސްޓަރެވެ. ކާނަލް މުހައްމަދު ނާޒިމެވެ. އެމަނިކުފާނުގެ ހިންގުންތެރިކަމާއި ކަންކަން ކުރެއްވައި ތަންފީޒުކުރެއްވުމުގައި ހުށިޔާރުކަމާއި ކުޅަދާނަކަމުން ޕާޓީ މެންބަރުންގެ މެދުގައި ނާޒިމްގެ ތާއީދު ބޮޑުވާން ފެށުމުން ރައީސް ޔާމީންގެ އަރިސް ބައެއް ބޭފުޅުންނާއެކު ކާނަލް ނާޒިމްގެ ސިޔާސީ ކެރިއާ ހަލާކުކޮށްލާނެ ގޮތްތަކަކާމެދު ސައްލާކުރައްވަން ފެއްޓެވިއެވެ. އެންމެ ފަހުން ޔާމީންގެ ގާތް ބޭފުޅެއްގެ އަރުހުގައި، ރާއްޖޭގެ ރައީސްކަން ކުރުމުގެ ޝައުގުވެރިކަން ހުރިވާހަކަ ނާޒިމްވިދާޅުވުމާއެކު ގެއިން ފެނުނީ ފިސްޕޯލައެކެވެ. ދެން ޕެންޑްރައިވެއެވެ. އޭގައި އޮތީ ރައީސް ޔާމީން އަވަރަހާރަކޮށްލަން ރޭވާފައިވާ ތަފްސީލް ޕްލޭނެކެވެ.

ނާޒިމް ޑިފެންސް މިނިސްޓަރުކަމުން ވަކިކުރެއްވިއެވެ. ޖަލަށް ލެވުނެވެ. ޝަރީއަތް ކުރެވުނެވެ. ނާޒިމް ދިގު މުއްދަތަކަށް ޖަލަށް ލެވުނެވެ. ނާޒިމްގެ ވާހަކަ މި ހިސާބުން ބާއްވާލީއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުން ނާއިބް ރައީސްކަމުގެ މަގާމަށް އަހުމަދު އަދީބު އައްޔަންކުރެވުނެވެ. އެދުވަހުން ފެށިގެން އަދީބުގެ މަގުބޫލުކަން އިހުނަށްވުރެ ބޮޑުވާން ފެށިއެވެ. ހުދު ރައީސް ޔާމީންގެ އަނބުކަނބަލުން ފާތުމަތު އިބްރާހީމްވެސް އަދީބުއަށް ބަރޯސާވުން ދިޔައީ ބޮޑުވަމުންނެވެ.

އަދީބުވެސް އޭނާގެ ގާތް ބައެއް ބޭފުޅުންގެ އަރިހު ވެރިކަމުގެ ވާހަކަ ވިދާޅުވާން ފެއްޓެވިއެވެ. އެންމެފަހުން އެއަޑު ރައީސް ޔާމީންގެ ކަންފަތްޕުޅާ ހަމައަށް ހިނގައްޖެއެވެ. އެހިސާބުން އެގޮވީ ރިޔާސީ ލޯންޗުކޮޅެވެ. ތުހުމަތު ދިޔައީ އަދީބުއާ ދިމާއަށެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. އެމްއެމްޕީއާރްސީގެ މުގުލުގައި ހުންނެވި ރައީސް ޔާމީން އެހުރިހާ ކަމެއް އަދީބުގެ ބޮލަށް ކަނޑާލައި، ޖަލުގައި ބަންދުކޮށް ތަހުގީގު ހިންގައި، ދިގު މުއްދަތަކަށް ޖަލަށްލިއެވެ. މިހިސާބުން އަދީބުގެ ވާހަކަ ކުރުކޮށްލީއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. މުޢިއްޒުއަކީ ހައުސިން މިނިސްޓަރެވެ. ފެށުނީއްސުރެވެސް ޑރ. މުޢިއްޒުއާމެދު ރައީސް ޔާމީންގެ ހިތްޕުޅުގައި ގިލަން ވެރިކަމެއް އޮވެއެވެ. ޑރ. މުޢިއްޒު ކުރައްވާ ވަރަށް ގިނަ ކަންކަމަށް ފާޑުވިދާޅުވެ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ހިތްވަރު ދެރަކޮށްލުމަށް މަސައްކަތްކުރެއްވިއެވެ.

ދެ ސަރުކާރުން އެއްބަސްވި ކުރެހުންތަކާ އެއްގޮތަށް ސިނަމާލޭ ބްރިޖްގެ މަސައްކަތް ޑރ. މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ނިންމަވާލެއްވުމުން، ބްރިޖުގައި ލޭނެއް މަދުކަމަށް ވިދާޅުވެ ރައީސް ޔާމީން މުއިއްޒުއަށް އަޑުލިއެވެ. ކަމުގެ ހަގީގަތް ބެއްލެވުމެއް ނެތިއެވެ. ހަގީގަތަކީ މިއެވެ. ހުދު ރައީސް ޔާމީން ވެސް ގަބޫލުނުކުރައްވައި ބޮޑު މަޝްރޫއެއް ކާމިޔާބު ކަމާއެކު ޑރ. މުއިއްޒު ނިންމަވާލެއްވުމުން އެކަމުން ސިޔާސީ މަންފާއެއް ޑރ. މުއިއްޒުއަށް ލިބިވަޑައިގެންފާނެތީ ރޭވުންތެރިކަމާއެކު ޑރ. މުއިއްޒުއަށް ހަމަލާދެއްވީއެވެ.

ބްރިޖުގެ ހާދިސާއަކީ އާންމުންނާ ހަމައަށް ތިލަވެފައިވާ އެއް ހާދިސާއެވެ. އޭގެ އިތުރުން ޑރ. މުއިއްޒު މިނިސްޓަރުކަމުން ވަކިކުރައްވައި ބޭރުގެ ސަފީރުކަމަށް ބަދަލުކުރައްވަން ވެސް ރައީސް ޔާމީން ބައެއް ވަޒީރުންނާ މަޝްވަރާކުރެއްވިއެވެ. އެއަށް ފަހު ކެބިނެޓުން ވަކިކުރައްވައި، އެޒްވައިޒަރެއްގެ މަގާމު ދެއްވުމަށް ވެސް މަޝްވަރާކުރެވުނެވެ. އެހެންނަމަވެސް އެހުރިހާ ކަމެއް ފޭލްވެގެން ދިޔައީ އެމްޑީއޭގެ ލީޑަރު މުހައްމަދު ސިޔާމުގެ ދެކޮޅު ހެދުންތަކުގެ ސަބަބުންނާއި ޑރ. މުއިއްޒުއާ ހަވާލުކުރެވޭ ކޮންމެ މަސައްކަތެއް، ޒިންމާއެއް އެންމެ މަތީ ފެންވަރުގައި ނިންމަވައި ނަތީޖާ ދައްކަވަމުން ގެންދެވުމުންނެވެ.

ރައީސް ޔާމީންގެ ސިޔާސީ ހަޔާތުގައި އެމަނިކުފާނުގެ ރާޑަރަށް އެރި މީހުންގެ ތެރެއިން ސަލާމަތްވެވުނީ ޑރ. މުއިއްޒު އެކަންޏަށެވެ. މިއަދު ދިވެހިރާއްޖޭގެ ވެރިކަމުގައި ޑރ. މުޢިއްޒު އެހުންނެވީ ސިޔާސީ ގޮތުން ރައީސް ޔާމީނަށްވުރެ ދުރުވިސްނޭ ބޭފުޅެއްކަން ސާބިތުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *