Ad

ފޭކް ބޭހުން ބިލިއަނުން ފައިދާ، އެކަމަކު އެކަމުން އަދަދު ނުކުރެވޭހާ ގެއްލުން

މާކެޓްގައި ދައުރުވާ ބޭހުގެ 30 ޕަސެންޓަކީ ފޭކް ބޭސް: ޑަބްކިޔޫއެޗްއޯ

މިއީ އާ ވާހަކައެއް ނޫނެވެ. އެކަމަކު ތަކުރާރުކޮށް ދައްކައިގެންވެސް ހައްލު ހޯދަން ޖެހިފައިވާ މުހިއްމު އަދި އެހާމެ ނުރައްކާތެރި މައްސަލައެކެވެ. އޭޝިޔާ ބައްރުވެސް ހިމެނޭ ފަދައިން ފޭކް ބޭހުގެ ވިޔަފާރިއަކީ ވަރަށް ފުޅާ އަދި އެހާމެ ނުރައްކާ ހާލަތެއްގައި އޮތް ވިޔަފާރިއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ބޭހުގެ މާކެޓުގައި ދައުރުވާ ބޭހުގެ 30 ޕަސެންޓަކީ ކައުންޓަފީޓް މެޑިސިން ނުވަތަ ފޭކް ބޭހެވެ. އަދި އިންޓަނެޓުގެ ޒަރީރާއިން ގާނޫނާ ޚިލާފަށް ވިއްކަމުންގެންދާ ބޭހުގެ 50 ޕަސެންޓަކީ ފޭކް ބޭހެވެ.

އަހަރެމެންނަށް ރާއްޖެއިންވެސް މިފަދަ ބޭސްތައް ދޭތެރެ ދޭތެރެއިން ފެނެއެވެ. ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އެކަންކަމަށް އެލާޓްވެސް ނެރެއެވެ. އެހެންނަމަވެސް ގިނަ ފަހަރަށް އެކަން އެނގޭއިރު އެތައް ބަޔަކު، އެތައް ކުދިންނެއް އެފަދަ ބޭސްތައް ވަނީ ބޭނުންކޮށްފައެވެ. އެހެންނަމަވެސް ޑްރަގްސްގެ މައްސަލަ ރާއްޖޭގައި ވަކި ހިއްޕާލާފައި އޮތް ފަދައިން ފޭކް ބޭހުގެ ނުރައްކާވެސް ދަނީ މޫލައި ހެދެމުންނެވެ.

އޮރިޖިނަލް ބޭސްތަކާ މާބޮޑު ތަފާތުތަކެއް ފާހަގަ ނުކުރެވުނަސް ކައުންޓަފީޓް ބޭސްތަކަކީ އެބޭނުން ކުރުމުން އިންސާނުންގެ ހަށިގަނޑަށް ވަރަށް ބޮޑެތި ނުރައްކާ މެދުވެރިވާ ކަމެކެވެ. ގިނަ ފަހަރަށް އަސްލު ބޭހުގައި ހުންނަ ކެމިކަލް އިންގްރޭޑިއަންޓްސް ފޭކް ބޭސްތަކުގައި ނުހުރެއެވެ. ކުލައާއި ވަސް އަދި ސިފަ އެއްގޮތް ކުރުމަށް ބޭނުންކުރަނީ މަސްހުނިކޮށްފައި ހުންނަ އެކިޒާތުގެ ކުނޑިއާއި އަގުހެޔޮ ވިހައިގެ ބާވަތަތްކާއި އާޓިފިޝަލް ކުލައެވެ.

"މިވާހަކަ ނުދައްކާ ދޫކޮށްލެވޭވަރަށްވުރެ މާނުރައްކާ ބޮޑުވެއްޖެ. ދުނިޔެއަށް ފޭކް ބޭހުގެ ބިރު އޮތީ ބުނެދޭންވެސް ނޭނގޭހާ ބޮޑުކޮށް. އެއީ ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް، އެހެންނަމަވެސް އެކަމުން ލިބޭ ގެއްލުންތައް ބުނެދޭންވެސް ނޭނގޭހާ ގިނަ، ނުރައްކާ،" ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަޖުރިބާކާރު ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އަންދާޒާ ކުރުންތަކަށް ބަލާއިރު، ދުނިޔޭގެ ބޭހުގެ ބާޒާރުގައި 75 ބިލިއަން ޔޫރޯގެ ކައުންޓަރފީޓް ޑްރަގްސް ދައުރުވެއެވެ. މިއީ ކޮކެއިން އާއި ހެރޮއިން ފަދަ ބާރުގަދަ މަސްތުވާތަކެތީގެ މާކެޓަށްވުރެވެސް އެއް ނަޒަރަކުން ބަލާއިރު ފުޅާ ވިޔަފާރިއެކެވެ. ނުރައްކާވެސް ވަކި ކުޑައެއް ނޫނެވެ.

"މިކަމަށް ހޭލުންތެރި ކުރުމާއި މު ވަގުތު ވިޔަފާރި ހިންގާ ނެޓްވޯކްތައް އަތުލައި ގަތުމަށް ގައުމުތަކުން ގެންގުޅެނީ ކަންނެތް އަދި ފަރުވާކުޑަ ސިޔާސަތުތަކެއް. އެކަމުގެ ނުރައްކާ ބޮޑުވާ ސަބަބަކީ މިއީ،" ކުރިން ވާހަލަ ދެއްކި ތަޖުރިބާކާރު އިތުރަށް ވިދާޅުވިއެވެ.

ހަގީގަތަށް ވާހަކަ ދައްކަމާ ހިނގާށެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކައުންޓަފީޓް ބޭސްތައް އެގައުމުތަކަށް އެތެރެވިޔަ ނުދިނުމަށް އަޅާފައި ހުންނަ ހުރިހާ ފިޔަވަޅުތަކެއް މުގުރާލައި، ފޭކް ބޭސްތައް އެ ގައުމުތަކަށް އެތެރެވެގެން ވަގަށް މާކެޓު ކުރެއެވެ. ފަޅާ އަރަނީ އެފަދަ ބޭސްތައް ކައިގެން ބައެއް މީހުންގެ ފުރާނައަށް ނުރައްކާ ހިސާބަށް ދިއުމުންނެވެ. އެހެންނަމަވެސް ދައުރުވާ ވަގު ބޭހުން އަތުލައި ގަނެވެނީ ނިސްބަތުން މަދު މިންވަރެކެވެ.

އޭޝިއާއިން މިސާލު ނަގާއިރު އިންޑިޔާއާއި ޕާކިސްތާނާއި ބަންގްލަދޭސްގެ އިތުރުން ނޭޕާލު ފަދަ ބައެއް ގައުމުތަކުގައި ފޭކް ވިހަ ބޭސް ބޭނުންކުރުމުން އެތައް ބަޔަކު މަރުވުމުގެ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ. މާބަނޑު މީހުން ބައިގެންދިއުމުގެ ހާލަތްތަކާ މެދުވެރިވެފައިވެއެވެ. ކުޑަކުދިންގެ ނޭވާލާ ނިޒާމާއި ކިޑްނީ ފަދަ މުހިއްމު ގުނަވަންތައް ފޫވެއްޓިގެން މަރުވެގެން ގޮސްފައި އެބަހުއްޓެވެ.

"މިއީ އިންތިހާ ބޮޑު ނުރެއްކަލެއް. ހުރިހާ ކަމަކީ ކޮވިޑަށް ނުވެދާނެ. އެކަމަކު ފޭކް ބޭހަކީވެސް މީހުންގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް. ބޮޑު ފައިދާއެއް ލިބޭތީ އެވިޔަފާރި އަބަދުވެސް އުޅެނީ ވަރަށް ކުރީގައި. އަހަރެމެން ހަގީގަތުގައި މިތިބެނީ ޝައްކެއްގެ މަތީގައި. ރަނގަޅީ ކޮންބޭހެއް ކަމެއް ނޭނގޭ ހިސާބަށް ކަންކަން ގޮސްފަ މިހާރު މިއޮތީ،" އިންޑިއާގެ ތަޖުރިބާކާރު ޑޮކްޓަރަކު ރޮއިޓާސްއަށް މައިލޫމާތުދީފައިވެއެބެ.

މިއީ ދުނިޔޭގައި ފާޅުކަން ބޮޑު ގޮތެއްގައި ހިންގާ ވަގު އަދި ވިހަގަދަ ވިޔަފާރިއެކެވެ. ރާއްޖެއިންވެސް މިކަމާ ހޭލާ ފިޔަވަޅު ނާޅައިފިނަމަ ހިސާބު ނުކުރެވޭ މިންވަރުގެ ގެއްލުމާ އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހިދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *