Ad

ގައުމުގެ ދުލުން އެވެރިންނާމެދު ކުރާ ޝަކުވާތައް އަދި މިވެރިންނަށް ކުރާ ތައުރީފް

މީ އެންމެންގެ ވެސް ގައުމެވެ. ހުރިހާ ދިވެހިންގެ ގައުމެވެ. އެހެންކަމުން ގޯސްކޮށް ކަމެއް ހިނގާނަމަ ނުވަތަ ހިނގާފައިވާނަމަ އަހަރެންގެ ޝަކުވާތައް އަބަދުވެސް އެކި ސިފަ ސިފައިގައި އޮންނާނެއެވެ. އަހަރެންނަކީ އެއްވެސް އިރެއްގައި އަޑުލައި، ގަދަ ބާރުން ކަންކަން ކުރުވާ މިޒާޖުގެ ސަހުސިއްޔަތަކަށް ނުވާތީ، ދިވެހި ވެރިން ބައެއް ފަހަރު ބައެއް ދިވެހިން ވެސް އަހަރެންގެ ނާޖާއިޒު ފައިދާ މާބޮޑަށް ނަގަނީއެވެ. އަހަރެންނަށް ކުރާނެ އަސަރާއި އަޅާނެ ވޭނަކަށް ވިސްނާލުމެއް ނެތިއެވެ.

އޭ ގައުމުގެ ކަންކަން ހިންގަންތިބި ވެރިންނޭވެ! އަހަރެން އޭރު ރޮއެ އާދޭސްކުރި ކަންކަމާމެދު ތިޔަބައި މީހުން ބީރުކަންފަތެއް ދިނީ ކީއްވެހެއްޔެވެ؟ މިއަދު ވެރިކަން ބީވެ ދިއުމުން އަހަރެން މާމުހިއްމު ވެގެން ތިޔަ އުޅޭ ސަބަބާމެދު އަހަރެން ހައިވާންވެ އަންތަރީސްވެއެވެ.

އޭރު އަހަރެން ބުނީމެވެ. އާދޭސްކޮށްފައި ބުނީމެވެ. މިފަސްގަނޑުގައި ބިދޭސީ ސިފައިން ގާއިމްނުކުރާށެވެ. އެއީ ގައުމީ ނުރައްކަލެކެވެ. އަދި ގައުމުގެ ރައްޔިތުން އެކަމާ އިންތިހާއަށް ނުރުހުން އޮތް ކަމެކެވެ. ތިޔަބައި މީހުން ރައްޔިތުންނަށްޓަކައި ވެރިކަންކޮށްދޭން ވަޢުދުވެ ވެރިކަން ލިބުމުން އަހަރެންގެ އަޑެއް ނޭހީމު ނޫން ހެއްޔެވެ؟ މިއަދު އަލަށް ވެރިކަމާ ބަޔަކު ހަވާލުވެގެން އަހަރެންގެ ހިތަށް ފިސާރި ފިނިކަން ލިބެނިވި ގޮތަކަށް އެދުވަހު އަހަރެން ފާޅުކުރި ކަންބޮޑުވުންތަކާމެދު އެގެންދަނީ ސާބިތު ފިޔަވަޅު އަޅަމުންނެވެ. މިފަސްގަނޑުގައި ތިބި ބޭރުގެ ސިފައިން އެގެންދަނީ ބޭރުކުރަމުންނެވެ. މިއީ އަހަރެންނަށް ހެޔޮ އެދުމެވެ. އަހަރެންގެ އިހްސާސްތައް ބަލައިގަނެ، އަގުވަޒަން ކުރުމެވެ.

ދުނިޔޭގެ ނިސްބަތުން އެހެން ބައެއް ގައުމުތަކާ އަޅާބަލާއިރު، ގައުމެއްގެ ގޮތުގައި އަހަރެން ވަރަށް ކުޑައެވެ. އެކަމަކު އުމުރުގެ ގޮތުން ހަގެއް ނޫނެވެ. އެހެންކަމުން ހެވާއި ނުބައި ވަކިކޮށް ދެވޭ ވަރަށް ވިސްނުން ހުރީ ހަރުވެ ތަސައްރަފު ފުދިފައެވެ. އަހަރެން އެދުވަހު ބުނީމެވެ. އެއްގައުމަކަށް މާބަށް ބަރޯސާވުމާ ދުރުހެލިވާށެވެ. އޭރުން ގައުމުގެ ދާހިލީ ކަންކަމަށް ވެސް އެމީހުންގެ ނުފޫޒު ވަންނާނެތީއެވެ. އެކަން ހަމަ އެގޮތަށްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް ނިންމުންތައް އެގައުމު ރުއްސަން ހަދަން ޖެހުނެވެ. ހަގީގަތަކަށް ނުހެދޭނެ ގިނަ ޕްރޮޖެކްޓް އެގައުމަށް ދޭން ޖެހުނެވެ. ބަލާބަލާށެވެ. އެމީހުންނަށް ދިން މަޝްރޫއުތަކުގެ ތެރެއިން ތާރީޚަށް ނިންމުނީ ކިތައް ކަންތައް ހެއްޔެވެ؟ އަދި އެކަންކަން ނުނިމުމުން އެމީހުންނާމެދު ފިޔަވަޅު ނޭޅުނީ ކީއްވެހެއްޔެވެ؟ އެގައުމުގެ ނުފޫޒު ތިބާމެންނަށް ފޯރާފައި އޮތްލެއް ހަމަ ބޮޑީއެވެ.

ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އުފަލުން ރޮވޭ ފަދަ ކަންކަން މިއަދު މިގައުމުން އެބަފެނެއެވެ. މިއަދުގެ ސަރުކާރަށް އަހަރެން ސަނާކިޔަމެވެ. ތައުރީފުކުރަމެވެ. އެއީ އެނުފޫޒުން އެމީހުން އެއްކިބާވެ، ގައުމެއްގެ އަމިއްލަ ވަންތަކަން ދަމަހައްޓާތީއެވެ. ސައިޒުން ކިތަންމެ ކުޑަވިއަސް އަހަރެންގެ އަގު މާބޮޑުކަމަށް އެމީހުން ގަބޫލުކޮށް އަހަރެންގެ ނަން ދިރުވުމަށް ބާރުއަޅާތީއެވެ. އަހަރެންގެ މިނިވަންކަމަށް ބުރޫ އެރިޔަ ނުދޭނެކަމުގެ ޔަގީންކަން ދޭތީއެވެ. އަހަރެން ބިރުން ފުއްކަނޑަންދާ ފަދަ އެގްރީމެންޓްތަކުގައި އެހެންގައުމުތަކާއެކު ސޮއި ނުކުރާން ވަޢުދުވެފައިވާތީއެވެ.

އަޖައިބުވެ އަންތަރީސްވެއްޖެއެވެ. ވަރަށް ދެރަވެ ލަދުވެސް ގަނެފިއެވެ. ތި ނޫނަސް މީގެ ކުރިން ވެސް މިގައުމުގައި ވެރިން ވެރިކަން ކޮށްފިއެވެ. އެކަމަކު އަހަރެން މިހާ ބޮޑަށް ދަރުވާލައި ބޮލާފޮށާ އެޅޭވަރުކޮށްލި ބަޔަކު ތިޔަ ނޫނީ އަދި ނުދެކެމެވެ. ނެތްކަން އެނގޭއިރުވެސް ހުރިއެއްޗެއް ކަމަށް ހަދާ ހަރަދުތައް ދިޔައީ ކުރަމުންނެވެ. ހުސްވުމުން ހިންގަނީ ޗާޕް މެޝިނެވެ. ލާރި ޖަހަނީއެވެ. އެކަން އެގޮތަށް ނުކުރުމަށް އެދި އާދޭސް ކުރި އަޑު އެދުވަހު އެހިނަމަ މިއަދި ސަރުކާރު ހިންގުމާ ހަވާލުވި މީހުންނަށް އަހަރެންނައިގެން އަމާން މަންޒިލަކަށް އަވަހަށް ދެވުނީހެވެ. މިހާރު އަހަރެންނަކީ ދަރަނިބޮލެކެވެ. މިސަރުކާރުން އެގެންދަނީ އަހަންނަށް ލުޔެއް ހޯދައި ދެވޭތޯ މަސައްކަތްކުރަމުންނެވެ. ގައިމުވެސް ހިތްހަމަ ޖެހޭ އެއްކަން ކޮށްފިއެވެ. ފައިސާ ޖެހުން ހުއްޓާލައިފިއެވެ. ނެތް އެއްޗަކުން ހަރަދުކުރުން ހުއްޓާލައިފިއެވެ. އެއީ ރައްޔިތުން އެންމެ ބޭނުންވާ މަޝްރޫއުތައް މަޑުޖައްސާލައި. ސިޔާސީ ގޮތުން ދެރަބަސް ލިބުނަސް ވަރިހަމަ ކަމަށް ދެކިގެންނެވެ.

ތިމާމެންނަށް ހެޔޮގޮތްވާން އެދޭ ބައިވެރިއެއްގެ ގޮތުގައި، އަމިއްލަ މިނިވަންކަމާއި އަމިއްލަ ވަންތަ ގައުމެއްގެ ގޮތުގައި އަހަރެން  ރަނގަޅަށް ދެމިއޮތުމަށް ބޭނުންވާ މައިގަނޑު ހުރިހާ އަސާސްތަކަކަށް ތިބާމެންވީ ބޭވަފާތެރިއެވެ. އަހަރެންގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެތައް ކަމެއް ކުރިއެވެ. އަހަރެން ނުނިދާ ފާއިތުވި ފަސް އަހަރު އޮންނަން ޖެހުނީ ފާރައަށެވެ. ރައްޔިތުން ކައިބޮއި އުޅެން ޖެހުނީ ތިޔަބައި މީހުން އިގްތިސާދީ ސިޔާސަތު ދޯދިޔާކަމުން އަގުބޮޑު ކާބޯތަކެއްޗެވެ.

އަހަރެން ދެކޮޅު ހަދަހަދާ އޮއްވައި، އާދޭސްކޮށްކޮށް އޮއްވައި، ކުންފުނިތަކުން ވައްކަންކުރީ މިނެއް ނުބަލައެވެ. އަހަރެން ރައްކާކޮށްފައި ހުރި ރައުސުލްމާލުން ވަގަށް ސިއްރުން ނަގާ ހުސްކޮށްލީ އަހަރެން އަތުގައި ހިފެހެއްޓުމުން އެތައް ބަޔެއް ވެގެން އަހަރެންގެ އަތް ފޮޅުވާލާފައެވެ. މިއަދު ވެރިކަމުގައި ތިބި މީހުންނަށް މަހުން މަހަށް ގަވާއިދުން މުސާރަވެސް ނުދެވިގެން އެއުޅެނީ ތިބައި މީހުން މިއަދާ މެދު ވިސްނުމެއް ނެތި އެޅި ކަތިފިޔަވަޅުތަކުންނެވެ. ކުރި ވައްކަންތަކުންނެވެ. ރޭވި ހީލަތްތެރި ރޭވުންތަކުގެ ސަބަބުންނެވެ.

ވަރަށް ކުރުކޮށްލާނަމެވެ. ތިބާމެނަށް، ފާއިތުވި ފަސް އަހަރު އަހަރެންނަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އަހަރެން ގޮވައިގެން އަހަރެންނަށް ހެޔޮ އެދެން ޖެހޭ ހުރިހާ ވެރިން ތިބީ ފައިސާގެ އަޅުންނަށްވެ، ފަސާދަވެފައެވެ. މިވާހަތައް ދައްކަން ޖެހުމުން ދެރަވެއެވެ. ލަދުގަނެއެވެ. ހިތުގައިވެސް ޖެހެއެވެ. އެކަމަކު ކުރު ގޮތަކަށް އަހަރެންގެ ފަސް އަހަރުގެ އިހްސާތައް މިކިޔައިދިނީއެވެ. މިއަދު ތަފާތު އެބަ ފެނެއެވެ. މިއަދު އުފާވެރިކަން އެބަ ލިބެއެވެ. އަހަރެން ބޭރުގެ ބަޔަކަށް ވިއްކައެއް ނުލައެވެ. އަހަރެންގެ ކަންބޮޑުވުންތަކަށް އެބަ ސަމާލުކަން ދެއެވެ. ގައުމު ގައުމެއްގެ ގޮތުގައި ބޭއްވުމަށް މާނަފުން އެތައް ކަމެއް އެގެންދަނީ ކުރަމުންނެވެ. ކަލޭމެންނާއި މި މީހުންގެ ތަފާތަކީ މިއީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *