Ad

އިސްލާމިކް ފައިނޭންސިންގެ ހަބަކަށް ރާއްޖެ ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގެ ޑިމާންޑު ވަރަށް ބޮޑު ކަމަށާއި، މި ސަރަހައްދުގެެ އިސްލާމިކް ފައިނޭންސިންގެ ހަބަކަށް ކުރިމަގުގައި ރާއްޖެ ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އިއްޔެ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުނު ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓް 2024 ގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މިނިސްޓަރ ޝަފީގު ވިދާޅުވީ، އިސްލާމިކް ފައިނޭންސިން އަށް ދިވެހިންގެ ޝައުގުވެރިކަން ބޮޑުކަން ފާހަގަކުރެވުނީ އެޗްޑީއެފްސީ އިން ސުކޫކެއް އިޝޫ ކުރިއިރު ލިބުނު ތާއީދުން ކަމަށެވެ.

“އެއް ރަށަކުން 50 މީހުން އެ ސުކޫކުގައި އިންވެސްޓް ކުރި. އެއީ އެ މީހުން އިސްލާމިކް ފައިނޭންސިން އަށް އިތުބާރު ކުރާތީ،” މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ އިދާރާތަކުން އިސްލާމިކް ފައިނޭންސިންގެ އުފެއްދުންތައް ތައާރަފްކޮށް، އެ ބޭނުންކުރުމުގެ ފުރުސަތުތައް ހުޅުވައިލާން ފިނޭންސް މިނިސްޓްރީގެ ފުރިހަމަ ތާއީދާއި އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓަރ ޝަފީގު ވިދާޅުވި އެވެ. އަދި ސަރުކާރުން ވެސް އިތުރު އިސްލާމިކް ފައިނޭންސިންގެ ފުރުސަތުތައް ކުރިއަށް އޮތް ތަނުގައި ހޯދާނެ ކަމަށްވެސް އެނާ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ ޝަފީގު އިތުރަށް ވިދާޅުވީ، އެޗްޑީއެފްސީގެ ސުކޫކުގެ ކޫޕަން ޕޭމެންޓްގެ ސުންގަޑިތައް މީގެ ކުރިން ވެސް ދައްކަމުން އަންނަ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ. އަދި މިވަގުތު ރާއްޖެ އޮތީ މާލީ ގޮތުން ދަތި އުނދަގޫ ހާލަތެއްގައި ކަމަށާއި، އެކަމުން އަރައިގަތުމަށް ފިސްކަލް ރިފޯމުތައް ގެނައުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މި ސަމިޓުގައި އިސްލާމިކް ފައިނޭންސިންއާ ގުޅޭ ތަފާތު މައްސަލަތަކާއި ހުރި އާ ފުރުސަތުތަކާ ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަންތައް ވަނީ ބޭއްވިފަ އެވެ. މި ސަމިޓަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ ކުރިއެރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *