ރާއްޖޭގެ އިގްތިސާދަށް 6 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އިއްޔެ ރޭ ބޭއްވުނު ކްރިއޭޓިވް އިކޮނޮމީ މަގުޗާޓް އިފްތިތާހު ކުރުމުގެ ހާއްސަ ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ސައީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް އިގްތިސާދަށް 4.1 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި މި އަދަދު 6 އިންސައްތައަށް އަރާނެ ކަމަށް ވޯލްޑް ބޭންކާއި އެހެނިހެން މާލީ އިދާރާތަކުން ލަފާކޮށްފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.
އެހެންނަމަވެސް، ގައުމުގެ ފިސްކަލް ހާލަތު ގޯސްކުރުވާ ގޮންޖެހުންތައް މި ސަރުކާރަށް ވާރުތަވި ކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވި އެވެ. މި ދަތި ދަނޑިވަޅުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ފުދުންތެރިކަން އިތުރުކުރުމަށް ތަފާތު ދާއިރާތަކުން ފަންނާނުންގެ އުފެއްދުންތެރިކަން ކުރިއަރުވަން މަސައްކަތްކުރައްވަން ގަބޫލުކުރައްވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ކްރިއޭޓިވް އިކޮނޮމީއެއް ރާއްޖޭގައި ގާއިމުކުރުމަށް އެމަނިކުފާނު ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ކަމަށް ފާހަގަކުރައްވައި، މިނިސްޓަރު ސައީދު ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީއާ ގުޅޭ އިސްތިރާޖުތައް ކަނޑައަޅައި އެކަންކަން ތަންފީޒުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރޭ އިފްތިތާހު ކުރެވުނު ކްރިއޭޓިވް އިކޮނޮމީ މަގުޗާޓުގައި ހިމެނޭ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި ފަންނީ ދާއިރާތަކަށް މާލީ އެހީތެރިކަމާއި އިންވެސްޓްމަންޓް ފުޅާކުރުމާއި، ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދުންތެރި ދާއިރާތައް ތަރައްގީކުރުން، އަދި އުފެއްދުންތެރި މަސައްކަތްތަކަށް ވޯކްސްޕޭސްތައް ގާއިމްކުރުން ހިމެނެ އެވެ.
މީގެ އިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން ފަންޑިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ. މި ފަންޑުގެ ދަށުން ވެންޗަރތައް ފެށުމަށް 50,000 ރުފިޔާއިން ފެށިގެން 300,000 ރުފިޔާއާ ހަމައަށް ލިބޭނެ ކަމަށާއި، ސްޓާޓްއަޕްތަކަށް 100 މިލިއަން ރުފިޔާއާހަމައަށް ލޯނު ހޯދައިލެވޭނެ ކަމަށް ބުނެފައިވެ އެވެ.
މި ފަންޑުގެ ތެރެއިން 4 ފަންނީ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް އެހީ ލިބިގެންދާނެ ކަމަށް ބީސީސީ އިން ހާމަކޮށްފައިވެ އެވެ. މި ދާއިރާތަކުގެ ތެރޭގައި ފިލްމު އުފެއްދުމާއި، މިއުޒިކް އުފެއްދުމާއި، އާޓްސް އެންޑް ކްރާފްޓް ދާއިރާއާއި، އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާ ހިމެނެ އެވެ. މި ފަންޑް އަމާޒުކޮށްފައިވަނީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަންނާނުންނާއި އުފެއްދުންތެރި ކުދި ވިޔަފާރިތަކަށް ކަމަށްވެސް ބީސީސީ އިން ބުނެފައިވެ އެވެ.