Ad

ކުނި މެނޭޖްކުރާ ސާމާނު 18 ރަށަކަށް

ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެކަމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ހަވާލުކޮށްފި އެވެ.

ކުނި މެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ގްރޭޓަ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓެއް އަންނަނީ ހިންގަމުންނެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ކުނި އުފުލަން ބޭނުން ކުރެވޭ ޑަމްޕް ޓްރަކް ޒޯން ތިނެއްގެ (އއ، އދ، ވ، އަދި ކ އަތޮޅު) ގެ 18 ރަށަކަށް ވަނީ ދީފަ އެވެ. އޭގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާ ބިން އަދި ކުނި ރައްކާތެރި ގޮތުގައި ގުދަން ކުރުމަށް ބޭނުން ކުރާނެ ބޭލިން މެޝިން 15 ރަށަކާ އެ މިނިސްޓްރީން އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.

އެ ތަކެތި އެ ރަށްރަށުގެ ކައުންސިލުތަކާ ހަވާލުކޮށްދެއްވީ ސާފުރާއްޖެ ބިލްޑިންގްގެ ސެމިނަ ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގައި ކުނި އުފައްދާ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނަ ކަމުގައި ފާހަގަކުރައްވާ ތޯރިގު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ކުންޏަކީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮނޑު އެއް މައްސަލަ ކަމުގައި ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ހަވާލު ކުރެވުނު ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި އުސޫލެއްގެ ތެރެއިން ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމަށް ތޯރިގު ވަނީ ކައުންސިލުތަކަށް ގޮވާލައްވާފަ އެވެ.

ރަށު ކައުންސިލުތަކާ ހަވާލު ކުރެވުނު ވަސީލަތްތަކަކީ ކުނި މެނޭޖްކުރުމުގެ ގާނޫނު އަދި މަގޭސާފުރާއްޖެ ސިޔާސަތާއި ސްޓްރެޖީތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރަކަށް ކުނި މެނޭޖްކުރުމުގެ ވަކި މިންގަޑަކަށް ފެއްތުމުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަވާލު ކުރެވުނު ވަސީލަތްތަކެކެވެ.

ރަސްމިއްޔާތުގައި ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ކައުންސިލަރުންނާ އަދި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންގެ އިތުރުން ވެމްކޯގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *