Ad

ޑރ. މުޢިއްޒު ތާރީޚުގެ ތެރެއަށް؛ އދ. ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވާ ރާއްޖޭގެ ފުރަތަމަ ރައީސް

އދ. ގެ ސަލާމަތީ މަޖިލީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސްއަކު ތަޤުރީރުކުރައްވަން ނިންމަވައިފި އެވެ.

މިކަން ސަރުކާރުން ހާމަކުރެއްވީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި، މިއަހަރު ބާއްވާ ޔޫއެން ސެކިއުރިޓީ ކައުންސިލް ޑިބޭޓް ބަހުސްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި އ.ދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރައްވާނެ އެވެ. މިއީ ރާއްޖޭގެ ރައީސަކު އދ. ގެ ސަލާމަތީ މަޖިލިސް ތެރެއިން ފެނިވަޑައިގަންނަވާނެ ފުރަތަމަ ފަހަރުކަންވެސް ހީނާ ފާހަގަކުރެއްވި އެވެ.

މި ދަތުރުފުޅުގެ އިތުރު ތަފްސީލުތައް ވީހާވެސް އަވަހަށް އާންމު ކުރައްވާނެ ކަމަށް ހީނާ ވިދާޅުވި އެވެ. އަދި އ.ދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ  ސަމިޓް އޮފް ދަ ފިއުޗަރގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާވެސް ބައްދަލުކުރައްވާނެ ކަމަށް ހީނާ ހާމަކުރެއްވި އެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ހާއްސަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.

އދ. ގެ އާންމު ބަހުސް ތާވަލު ކުރެވިފައިވަނީ ސެޕްޓެމްބަރު 24 އިން 28 އަށް އަދި ސެޕްޓެމްބަރު 30 ގައެވެ. ސަމިޓް އޮފް ދަ ފިއުޗަރ އޮންނަނީ ސެޕްޓެމްބަރު 22 އާއި 23 ގައެވެ. ނަމަވެސް ރައީސް އެމެރިކާއަށް ވަޑައިގަންނަވާ ތާރީޚެއް އަދި ހާމަކުރައްވާފައެއް ނުވެ އެވެ.

ސެޕްޓެމްބަރު 25 ގައި ސެކިއުރިޓީ ކަައުންސިލުގައި ބާއްވާ “ލީޑާޝިޕް ފޯ ޕީސް: ޔުނައިޓެޑް އިން ރެސްޕެކްޓް އޮފް ދަ ޗާޓާ އޮފް ދަ ޔުނައިޓެޑް ނޭޝަންސް، އިން ސާޗް އޮފް އަ ސެކުއާ ފިއުިޗާ” (ސުލްހައަށްޓަކައި ލީޑަރޝިޕް: އދ.ގެ ޗާޓަރަށް އިހްތިރާމްކުރުމުގައި އެއްބައިވަންތަވެ، ރައްކާތެރި މުސްތަގްބަލެއް ހޯދުމަށް) ބަހުސް ތާވަލުކޮށްފައިވެ އެވެ.

ކުރިން ރައީސް ވަނީ އދ. ގެ ސެކިއުރިޓީ ކައުންސިލުގެ މެންބަރަކަށް ވުމަށް ރާއްޖެއިން މަސައްކަތްކުރާ ކަމަށް ވިދާޅުވެފަ އެވެ. މިގޮތަށް މަސައްކަތް ކުރައްވަނީ ކްލައިމެޓް ފައިނޭންސް ފަދަ ކަންކަމުގައި ރާއްޖެ ފަދަ ކުދި ގައުމުތަކަށް ލިބޭނެ ފައިދާ އިތުރުކޮށް، ރާއްޖޭގެ އިންސްޓިޓިއުޝަންތައް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *