Ad

ރައީސް ދެކިލައްވަނީ އދ. ދަތުރުފުޅު ކާމިޔާބުވާނެ ކަމަށް

އދ.އަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދިވެހިރާއްޖޭގެ ވާހަކަތައް ކިޔައިދީ، ޤައުމުތަކާއި ޖަމްޢިއްޔާ/ޖަމާތްތަކާއެކު ގުޅުން ބަދަހިކޮށް ރާއްޖެއަށް މުހިންމު ރޮނގުތަކުން އެހީތެރިކަން ހޯދުމަށްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނުކުފާނު މިހެން ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގެ 79ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއަށް އެންމެ ފައިދާވާނީ ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅި ލާމެހުނުވަރަކަށްކަމަށާއި، ރާއްޖެއަށް ފައިދާހުރި ކަންކަން ކޮށްދެވިދާނެ ފަރާތްކާއި ގިނަގިނައިން ވާހަކަތައް ކުރިއަށްގެންގޮސް ގުޅުން ބަދަހިކޮށްގެންކަމަށެވެ. އަދި މިވަގުތު ރާއްޖެ އޮތް ހާލަތުން އަރައިގަނެވޭނީ ރާއްޖޭގެ ވާހަކަތައް ހިއްސާކޮށް، އެހީތެރިކަން ލިބިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިތުރުން، ދުނިޔޭގެ މަޝްރަޙުގައި ހިނގާ ކަންކަމުގައިވެސް ރާއްޖެއިން އިއްވަން ބޭނުންވާ ބަސް، އދ.ގެ ބައްދަލުވުންތަކުގެ ތެރެއިން އިއްވަވާނެކަމަށް ވިދާޅުވެފައެވެ. އަދި އދ.ގެ މަސައްކަތްތައް މިހާރު ބައްޓަންވެފައިވާގޮތާއި އިސްލާހުކުރަން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރާއްޖެއިން ހުށައަޅަން ބޭނުންވާ ޚިޔާލު ހުށައަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.

"ދުނިޔޭގައި ހިނގާ ކަންކަމުގައި އަޅުގަނޑުމެންގެ ބަސް މިހެން އިއްވުމާ އެތަނަށް ގޮސް އެ ވާހަކަ ދެއްކުން ވަރަށް ތަފާތުވާނެ. އަދި ޔޫއެންގެ އެކި ކަންކަމާ ގުޅޭގޮތުން ކުދި ޤައުމުތަކާއި އިސްލާމީ ޤައުމުތަކާ އަދި ޖުމްލަކޮށް މުޅި ދުނިޔޭގެ އދ.ގެ މެންބަރު ޤައުމުތަކަށް އެންމެ އެދެވޭ ގޮތަށްތޯ ކަންކަން މިވަނީ! އެވާހަކަވެސް ދެއްކުމަކީ އެންމެންގެ ޙައްޤެއް." ރައީސުލްޖޫމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ކުރިމަގާއި ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ތިމާވެށި އަދި ރާއްޖެއަށް މުހިންމު ޒަމާނީ ޓެކްނޮލޮޖީއާއި ރާއްޖޭގެ މުސްތަޤުބަލު އޮންނަން ބޭނުންވާ ގޮތް ހާމަކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އދ.އާއި ޖަމްޢިއްޔާ ޖަމާތްތަކާއި އެކި ޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިދަތުރުފުޅުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއިން ކުރާ މަސައްކަތްތައް ހާމަކޮށްދީ، ސަމާލުކަން އިތުރުކުރުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ދަތުރުގައި ވީހާވެސް ގިނަ ފަރާތްތަކާ ބައްދަލުކޮށް، ވީހާވެސް ގިނަ ވާހަކަތައް ރައްޔިތުންގެ ފަރާތުން ހާމަކުރާނަން. އަޅުގަނޑު ދޭ ޔަގީންކަމަކީ މިއީ ރައްޔިތުންނަށް ފައިދާހުރި، އޭގެ ނަތީޖާއާއި ކާމިޔާބު ފެންނާނެ ދަތުރަކަށް ވާނެކަން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ފައިދާއާއި ކުރިއެރުން ހޯދޭނެ ޤައުމުތަކާއި ފަރާތްތަކާއެކު ގުޅުން އުފެއްދުމަށް މި ދަތުރުގައި މަސައްކަތްތައް ބައްޓަންކުރައްވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *