އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މުއިއްޒު މިކަމަށް ގޮވާލެއްވީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރޭ ތަގުރީރު ކުރައްވަމުންނެވެ.
ރައީސްގެ ތަގުރީރުގައި އެމަނިކުފާނު ވަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރައްވާފަ އެވެ. އަދި އިޒްރޭލުން ހިންގާ ޖަރީމާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭހެން، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ޒަހަމްވަމުންދާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ފަލަސްތޫނުގެ ރައްޔިތުންގެ ގެދޮރާއި، ހަސްފަތާލުތަކާއި، ސްކޫލްތަކާއި އަދި އިންސާނީ އެހީތެރިކަމަށް ބޭނުންކުރާ ވަސީލަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ދޭ ހަމަލާތަކަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފަ އެވެ.
އާންމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ، ފަލަސްތީނާއި ލުބްނާން އަދި އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރި ކުރުމަކީ، ގައްޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ވަންހަނާކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ގައުމުތަކުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމުގައިވަނީނަމަ އެކަން ތަހައްމަލުކޮށްގެން ތިބެގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އެ ގައުމެއްގެ ކުޑަ ބޮޑުމިނަކީ ނުވަތަ އެ ގައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އދ. ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެ، އިޒްރޭލުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.
ރައީސް ވިދާޅުވީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަންނަން ޖެހޭކަމަށެވެ.