މިދިޔަ ސެޕްޓެމްބަރު މަހު އެ އޮތޯރިޓީއަށް 2.3 ބިލިއަން ރުފިޔާ ލިބުނު ކަމަށާއި މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 93 އިންސައްތަ އިތުރު އަދަދެއް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު އެ އޮތޯރިޓީއަށް 2.30 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މަހު ލިބުނު އާމްދަނީއަށް ވުރެ 93.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 28.7 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ ޖީޖީއެސްޓީ އާއި ޓީޖީއެސްޓީ އަދި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. މީރާއަށް ބަލައިގަނެފައިވާ ޖުމްލަ އާމްދަނީ އިތުރުވެފައި ވަނީ ސެޕްޓެމްބަރު މަހު ލިބިފައިވާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވަޝަން ފީގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖީއެސްޓީ އަދި ރިސޯޓުތަކުގެ ކުލި ދެއްކުމުގެ ސުންގަޑި ސަރުކާރު ބަންދު ދުވަހަކާ ދިމާވުމާ ގުޅިގެން އެ ފައިސާ ބަލައިގަނެފައި ވަނީ ޖެހިގެން އައި އޮކްޓޫބަރު މަހު އެވެ. މީރާއިން ބުނީ މިދިޔަ އަހަރުގެ އެ މަހާ އަޅާ ބަލާއިރު، ނިމުނު ސެޕްޓެމްބަރު މަހުގެ އާމްދަނީ އިތުރުވެފައި ވަނީ ސުންގަޑިއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާތީ ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއާޕޯޓު ޓެކުހާއި ފީ ކުރީގެ ސުންގަޑިތަަކަށް ލިބިފައިވާތީ ކަަމަށެވެ. އޭގެ އިތުރުން ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ރިސޯޓުތަކުގެ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ 99 އަހަރަށް އިތުރުކުރުމުގެ ސަބަބުން އެ އޮތޯރިޓީން ބަލައިގެން އާމްދަނީ އިތުރުވި ކަމަށެވެ.
ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވަޝަން ފީ ބަލައިގަނެފައިވުން ހިމެނޭ ކަމަށް މީރާއިން ބުނެ އެވެ. ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ މި މުއްދަތަށް ލިބޭނެ ކަަމަށް އަންދާޒާކޮށްފައި ނުވާ ސަބަބަކީ މި ފީއަކީ ތާވަލުކޮށްގެން ނަގާ ފީއަކަށް ނުވުމާ އެކު، ޓެކްސް ދައްކާ ފަރާތްތަކުން މި ފީ ދައްކަނީ އަމިއްލަ އިހުތިޔާރުގައި ކަމަށް ވުމުން ކަމަށެވެ. އަދި އަލަށް ކުއްޔަށް ދޫކުރި ރަށްތަކުގެ ލޭންޑް އެކުއިސިޝަން އެންޑް ކޮންވަޝަން ފީގެ އާމްދަނީ އާއެކު ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއާޕޯޓު ޓެކުހާއި ފީ ކުރީގެ ސުންގަޑިތަކަށް ބަލައިގަނެފައިވާ ފައިސާ ލިބިފައިވުން ކަމަށެވެ.
އަދި ސެޕްޓެމްބަރު މަހު ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8.1 އިންސައްތަ އިތުރުވުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ އާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވުން ކަމުގައި ވެސް މީރާއިން ފާހަގަކުރެ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެގޮތުން ސެޕްޓެމްބަރު މަހު މީރާއަށް،
- ޖީއެސްޓީ: 1.02 ބިލިއަން ރުފިޔާ (44.5 އިންސައްތަ)
- ޓޫރިޒަމް ލޭންޑް ރެންޓް: 360.78 މިލިއަން ރުފިޔާ (15.7 އިންސައްތަ)
- ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ: 229.95 މިލިއަން ރުފިޔާ (10 އިންސައްތަ)
- އާމްދަނީން ނަގާ ޓެކްސް: 147.99 މިލިއަން ރުފިޔާ (7.6 އިންސައްތަ)
- އެއާޕޯޓު ޑިވެލޮޕްމަންޓް ފީ: 101.78 މިލިއަން ރުފިޔާ (4.4 އިންސައްތަ)
- އެހެނިހެން ޓެކުހާއި ފީ: 409.95 މިލިއަން ރުފިޔާ (17.8 އިންސައްތަ)
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 102.05 މިލިއަން ޑޮލަރު ހިމެނެ އެވެ.