Ad

ތިން ވަޒީރުންނަށް ރުހުން ހޯއްދަވަން މަޖިލީހަށް ހުށަހަޅުއްވައިފި

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ތިން ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފަ އެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސް މުއިއްޒު ބަދަލު ގެންނެވީ ފިނޭންސް މިނިސްޓަރުގެ މަގާމުން ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމުންނެވެ.

އެ ގޮތުން ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ކުރިން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް އެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ކުރިން ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުސާ ޒަމީރު އެވެ.

ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

ނާޒިމު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ހެލްތު މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *