Ad

ކުރީ ސަރުކާރުގެ ބޮޑު އިހުމާލެއް؛ މާލީ ހިސާބުތައް ރެކޯޑް ކުރުމުގައި 2 ބިލިއަންގެ ފަރަގެއް

ދައުލަތުގެ ހިސާބު ބެލެހެއްޓުމުގައި ހުރި ގޯސްތަކުގެ ތެރެއިން އިތުރަށް 2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްގެންދަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިިދާޅުވީ ދައުލަތުގެ ބަޖެޓުން ގިނަ ހަރަދުތަކެއް ކުރުމަށްފަހު، ފިނޭންސް މިނިސްޓްރީން ގިނަ ހަރަދުތަކެއް ރިކޯޑްކޮށްފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ބެލި ބެލުމުން ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ އެގޮތަށް ރިކޯޑް ނުކޮށް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ކޮންމެ ހަފްތާއަކު ސަރުކާރުން ހާމަކުރަމުން އަންނަ މާލީ ހިސާބުތައް އާންމުކުރުން މި ސަރުކާރުން ހުއްޓާލީވެސް މި މައްސަލަ ފާހަގަވެގެން ކަމަށެވެ. އަދި މިހާރު މައްސަލަ ފާހަގަވިނަމަވެސް، ހިސާބުތައް ބެލެހެއްޓުމުގައި ކުރީގެ ސަރުކާރުން ހަދާފައިވާ ގޯސްތަކުގެ ސަބަބުން މިހާރު ހިސާބުތައް އާންމުކޮށްފިނަމަ، މާލީ އިދާރާތަކުގެ އިތުބާރު ގެއްލިގެންދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މައްސަލަ ފާހަގަވެގެން މިހާރު އޮޑިޓަރ ޖެނެރަލްގެ އޮފީހާއިއެކު މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެގޮތަށް ރިކޯޑް ނުކޮށް ހުރި ސީދާ އަދަދު އަދި އެގޮތަށް ހިސާބުތައް ރިކޯޑް ނުކޮށް ހުރި ސަބަބުތައް އިނގޭނީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގެ މަސައްކަތް ނިމޭނެކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހިސާބުތައް ބެލެހެއްޓުމުގައި ހުރި މައްސަލަތައް ފާހަގަވެފައިވަނީ ސްޓޭޓް ފަންޑެޑް ޕްރޮޖެކްޓުތަކުގެ ތެރެއިންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަނައިބް އަހުމަދު އުޝާމް ވިދާޅުވީ މިދިޔަ ސަރުކާރުން ރިކޯޑް ނުކޮށް ހުރި 2 ބިލިއަނެއްހާ ރުފިޔާގެ އަދަަދު މި އަހަރުގެ އަދަދުތަކުގެ ތެރެއަށް ވެއްދުމަކީ އެކަމުގައި ޤާނޫނީ މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައިހުރި ގޯސްތައް ހޯދައި، އެކަމުގައި ޝާމިލްވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނެކަމަށް ބަންޑާރަނައިބް ވިދާޅުވި އެވެ.

އުޝާމް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާފައިވެސް އޮތީ، ބަޖެޓް ބޭނުންކޮށް ނިންމުމަށްފަހުގައި ކަމަށާއި، އެއީވެސް އެ ސަރުކާރުން ޤާނޫނާއި ހިލާފަށް ކޮށްފައިވާ ކަމެއް ކަަމަށެވެ. އަދި މިއަދު މާލީ މައްސަލަތައް ދިމާވެގެން އުޅެނީ އެ ސަބަބުތަކާއި ހުރެކަމަށް އުޝާމް ވިދާޅުވި އެވެ.

ސަރުކާރުން ކޮންމެ ހަފްތާއަކުު ނެރެމުން އަންނަ ހިސާބުތައް ނެރުން ހުއްޓާލީ މި އަހަރުގެ ކުރީކޮޅު އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *