އެސެޓް ރިކަވަރީ ބިލްގެ މަސައްކަތް ނިންމުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ވަރަށް އާދޭސް ކުރެވިއްޖެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވީ ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ބަންޑާރަ ނައިބު ވިދާޅުވީ އެ ބިލުގެ މަސައްކަތް ނިންމުމަށް އޭސީސީގައި އާދޭސް ކުރެވިއްޖެ ކަމަށާއި އެކަން އަދިވެސް ނުވާ ކަމަށެވެ. އެހެންކަމުން އެ ބިލުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަން ނިންމާފައިވާ ކަމަށެވެ.
އެސެޓް ރިކަވަރީ ބިލް އަންނަ އަހަރު މަޖިލީހަށް ހުށަހަޅާނެކަމަށްވެސް އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ މިދިޔަ ސަރުކާރުން ދައުލަތުގެ އެސެޓް ނުއަގުގައި އެކި ފަރާތްތަކަށް ދީފައިވާ ކަމަށާއި އެ އެސެޓްތަކުގެ ހަމަ އަގު ހޯދުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
އަޅުގަނޑު އެޓާނީ ޖެނެރަލްގެ މަގާމާ ހަވާލުވެގެން ވަރަށް ކުރީކޮޅު މި މަސައްކަތް މިގޮތަށް ކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނާ މަޝްވަރާ ކުރިން. އެންޓި ކޮރަޕްޝަން ކޮމިޝަނުން އެސެޓް ރިކަވަރީ ބިލެއްގެ މަސައްކަތް އޭރުވެސް ކުރައްވަމުން ގެންދެވި. އަޅުގަނޑު އުންމީދުކޮށްގެން ހުރީ މިއަހަރު ތެރޭގަ މަޖިލީހަށް އެ ބިލް ހުށަހެޅޭނެކަމަށް.
އޭސީސީން އެސެޓް ރިކަވަރީ ބިލުގެ މަސައްކަތް ކުރަމުން އައި ނަމަވެސް އެ ބިލު އަދިވެސް ބަންޑާރަ ނައިބުގެ އޮފީހަށް ލިބިފައި ނުވާކަމަށާއި އެހެން ކަމުން ބަންޑާރަ ނައިބުގެ އޮފީހުން މިހާރު މަސައްކަތް ކުރަނީ އެ އޮފީހުން އެ ބިލު ޑްރާފްޓް ކުރުމަށް ފަހު މަޖިލީހަށް ހުށަހެޅުމަށްކަމަށް އުޝާމް ވިދާޅުވި އެވެ.