Ad

ދުންފަތުން ޓެކްސް ބޮޑުކުރާ ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް

ސިނގެރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ.

ސަރުކާރުގެ ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު އެވެ. އެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ބިލު ބަލައިގަތުމަށް މިއަދު ވޯޓަށްވެސް އަހާފައިވެ އެވެ.

އެގޮތުން މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް 65 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ބިލު ބަލައިގަތުމާ ދެކޮޅަށް 3 މެންބަރުން، ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ. މި ބިލު ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީއިންނެވެ.

މި ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ތިން މެންބަރުންނެވެ. އެއީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އަދި މަރަދޫ ދާއިރާގެ މެންބަރު އަހްމަދުދީދީ އެވެ.

މި އިސްލާހުގައި ވަނީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓް 3ރ. އިން 8ރ. އަށް މަތިކުރުމަށާއި އެ ތަކެތިން ނެގޭ އެޑްވަލޮރަމް ރޭޓް 50 ޕަސެންޓަށް ބޮޑުކުރަން ހިމަނާފަ އެވެ. މި ބަދަލުތަކާއެކު މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *