Ad

ސަމޯއާގެ ބޮޑުވަޒީރާ ނައިބް ރައީސް ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާ ތިމާވެށީގެ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކާއި ފަތުރުވެރިކަމާއި އިގްތިސާދު އަދި ވިޔަފާރި ފަދަ ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދެވިދާނޭ ގޮތްތަކާ މެދު މަޝްވަރާކުރައްވާފަ އެވެ.

ނައިބު ރައީސް ސަމޯއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ މި މަޝްވަރާކޮށްފައިވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން 2024 ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް މިހާރު ކުރައްވާ ދަތުރުފުޅުގަ އެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީ އާއި ލާސާނީ ސަގާފަތްތައް ހިމާޔަތްކުރުމުގެ މައްޗަށް މަޝްވަރާކޮށްފަ އެވެ. އަދި ކޮމަންވެލްތު މެންބަރު ގައުމުތަކުގެ ހައިސިއްޔަތުންނާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ދެ ގައުމުން ހިއްސާކުރާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުގަ ކުރެވިދާނެ މަސައްކަތްތަކާމެދުވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ނައިބު ރައީސް ވަނީ ސަމޯއާއިން ދިވެހި ވަފުދަށް ދެއްވަމުން ގެންދަވާ ފުރިހަމަ މެހުމާންދާރީ އަށާއި މިއަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ކުރައްވާފައިވާ ފުރިހަމަ އިންތިޒާމުތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (އެއޯސިސް) ގައި ސަމޯއާ އިން އަދާކުރައްވަމުން ގެންދަވާ އިސް ދައުރުވެސް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ދިވެހިރާއްޖެ އާއި ސަމޯއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 2 އޮގަސްޓު 1993 ގަ އެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީއެޗްއޯޖީއެމް) ގެ ހަވާސާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ "ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޯ ކްލައިމެޓް ފައިނޭންސް ޓާގެޓްސް އިން ކޮމަންވެލްތު" ގައި ތަޤުރީރު ކުރައްވާފަ އެވެ.

ނައިބު ރައީސްގެ އަރިއަހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *