ދ. ކަޑިންމަ މޯލްޑިވްސް ރިސޯޓުން ޕޮޒިޓިވްވި ކޭސްއެއް ފެނުމާއި ގުޅިގެން ނެގި ސާމްޕަލްގެ ތެރެއިން 17 މީހުން ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗް.ޕީ.އޭއިން ބުނީ، މިހާތަނަށް އެރިސޯޓުން ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި، އެމީހުންގެ ތެރޭގައި ފަތުރުވެރިއަކު ނުހިމެނޭ ކަމަށެވެ.
އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީތަކަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ކޮންޓެކްޓް ޓްރޭސިންއާއި އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިމަސައްކަތުގައި ހަރަކާތްތެރިވުމަށް ދ. އަތޮޅު ހޮސްޕިޓަލުގެ ޓީމެއް މިހާރުވަނީ އެ ރިސޯޓަށް ގޮސްފައެވެ. އެޗްޕީއޭއިން ބުނީ، ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށްދާތީ، އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ބޭނުންވާ ފަތުރުވެރިންނަށް ފުރައިގެންދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ކޮވިޑަށް ޓެސްޓް ހެދުމަށްފަހު ނެގެޓިވްވުމުން ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އެ ރިސޯޓުން ހާލު ދެރަވެގެން ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވި އުމުރުން 60 އަހަރުގެ ދިވެހި މީހާވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުން ނެގި ސާމްޕަލް ނަތީޖާ ލިބުމުންނެވެ. މިކަމާއި ގުޅިގެން އިއްޔެ ހަވީރުން ފެށިގެން އެ ރިސޯޓަށް އަރައި، ފޭބުން މަނާކޮށް ރިސޯޓުވަނީ މޮނީޓަރިންގެ ހާލަތަށް ލާފައެވެ.
މިއީ، ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށިފަހުން ރާއްޖޭގެ ރިސޯޓަކުން މިހާ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތަކެއް ފެނުނު ފުރަތަމަ ފަހަރެވެ.
އެޗް.ޕީ.އޭއިން ބުނީ، މިހާރުވެސް 27 ރިސޯޓުގައި 35 ފަތުރުވެރިންނާއި، 81 މުވައްޒަފުންނަށް ކޮވިޑު ޖެހިގެން ފަރުވާދެމުންދާ ކަމަށެވެ. މިމީހުންނާއިއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 11،659 އަށް އަރާފައިވާއިރު، މިހާރު ބައްޔަށް ފަރުވާކުރަނީ 800 މީހުންނެވެ.
ކަޑިންމަ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވެގެން މަރުވި މީހާއާއިއެކު މިބަލީގައިން ރާއްޖެއިން މަރުވި މީހުންގެ އަދަދުވަނީ، 38 އަށް އަރާފައެވެ.