މުސާރަތައް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ސިޔާސީގޮތުން އުނދަގޫ ނިންމެވުމެއް ކަމުގައި ޕީއެންސީ އިން ބުނެފި އެވެ.
ނޫސް ބަޔާނެއްގައި ޕީއެންސީ އިން މިހެން ބުނީީ ސިޔާސީ ފަރާތްތަކާއި ކުންފުނިތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން ރައީސް އިއްޔެ ނިންމެވުމާ ގުޅިގެން ނެވެ.
ޕީއެންސީ އިން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ މާލީ ހާލަތު ނާޒުކު ފައްތަރަކަށް ހުށަހެޅިފައިވާ މިދަނޑިވަޅުގައި މާލީ އިސްލާހުތައް ސަރުކާރާއި ދައުލަތުގެ އެންމެ މަތީ ފަޑިން ފެށިގެން ކުރިއަށް ގެންދެވުމަށް ނިންމަވައި، އެކަން ތަންފީޒު ކުރެއްވުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް މުޢިއްޒު ނިންމެވި ނިންމެވުމަކީ ހަރުދަނާ އަދި އެހާމެ ހިތްވަރުގަދަ ނިންމެވުންތަކެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށް ބުނެފަ އެވެ.
"މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެފިޔަވަޅުތައް ފެއްޓެވީ ސީދާ އެމަނިކުފާނާ ހަމައިން. އަމިއްލަފުޅު މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަންގަވަން ނިންމެވި. އެއަށްފަހު ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެންބަރުންގެ މުސާރަތައް ކުޑަކުރައްވަން ހުށަހެޅުއްވި. މިއީ މިވަގުތު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނެވިކަން ޔަގީންކޮށްދެއްވުމަށް ރައީސް އަޅުއްވަން ނިންމެވި ހަރުދަނާ ފިޔަވަޅުތަކެއް. ސިޔާސީ ގޮތުން އުނދަގޫ އެހެންނަމަވެސް ގައުމުގެ ހައްގުގައި ނިންމަވަންޖެހޭ ނިންމެވުމެއް" އެ ބަޔާނުގައިވެއެވެ.
ފާއިތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެ އެކަމުގެ ސަބަބުން ލިބޭ އާމްދަނީއާއި ކުރާ ހޭދައިގެ ފަރަގު ބޮޑުވަމުން ދިޔައިރު، އެކަން އިސްލާހުކުރުމަށްޓަކައި ހަރަދުތައް ކޮންޓްރޯލުކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ދެމުންދިޔަ ލަފައަށް އޭރުގެ ސަރުކާރުން ދިނީ "ބީރު ކަންފަތެއް" ކަމުގައި ޕީއެންސީ އިން ބުނެފައި ވެއެވެ.