Ad

އައިއެމްއެފްގައި ރާއްޖެ ތަމްސީލްކުރުމަށް މިސްރުގެ ޑރ. މާއިތު

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގައި ރާއްޖެ ތަމްސީލް ކުރަން މިސްރުގެ ކުރީގެ ފިނޭންސް މިނިސްޓަރަކު ހަމަޖައްސައިފި އެވެ.

މިސްރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އައިއެމްއެފްގައި ރާއްޖެ ތަމްސީލުކުރަން ހަމަޖައްސާފައިވަނީ މިސްރުގެ ކުރީގެ ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު މާއިތު އެވެ.

ހޮނިހިރު ދުވަހު މާއިތު ނެރުއްވި ބަޔާނެއްގައި ވަނީ އެ މަގާމަށް ހަމަޖައްސައި ދެއްވުމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަދި ނަން ހުށަހެޅުއްވުމާއި ވޯޓުލުމުގެ މަރުހަލާގައި މިސްރުގެ ބޮޑުވަޒީރު މުސްތަފާ މަދްބޫލީ އާއި މިސްރު ސަރުކާރުން ދެއްވި އެއްބާރުލުމަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ

ފިނޭންސް ދާއިރާގައި 30 އަހަރު ހޭދަކުރައްވާފައިވާ މާއިތު، އައިއެމްއެފްގައި ރާއްޖޭގެ އިތުރުން އަރަބި ގައުމުތައް ތަމްސީލުކުރައްވާނެ އެވެ.

އިނގިރޭސިވިލާތުގެ ސިޓީ، ޔުނިވާސިޓީ އޮފް ލަންޑަން އިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ މާއިތު ވަނީ ކައިރޯ ޔުނިވާސިޓީން މާސްޓާ އޮފް ފިލޯސަފީ ހާސިލުކުރައްވާފަ އެވެ.

އޭނާ ވަނީ މިސްރުގެ ސަރުކާރުގެ ގިނަ މަގާމުތަކެއް އަދާކުރައްވާފަ އެވެ. އޭގެ ތެރޭގައި މިސްރުގެ އެސިސްޓެންސް ފިނޭންސް މިނިސްޓަރު ކަމާއި، އިޖިޕްޝަން ފައިނޭންޝަލް ސުޕަވައިޒަރީ އޮތޯރިޓީގެ ވައިސް ޗެއާމަންގެ މަގާމު އަދި ނޭޝަނަލް އޯގަނައިޒޭޝަން ފޯ ސޯޝަލް އިންޝުއަރެންސްގެ ވައިސް ޗެއާމަންގެ މަގާމުގެ އިތުރުން އިޖިޕްޝަން އިންޝުއަރެންސް އިންސްޓިޓިއުޓްގެ އެކްޒެކްޓިވް ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

މާއިތު ވަނީ މިސްރުގެ އިތުރުން ސޫދާން، އިންގްލެންޑް އަދި ސްކޮޓްލޭންޑްގެ ގިނަ ޔުނިވާސިޓީތަކެއްގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *