ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާފައި އޮތްގޮތަށް ބަޖެޓް ކޮމިޓީން ފާސްކޮށްފި އެވެ.
ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 5.1 ބިލިއަން ރުފިޔާ އެވެ.
ބަޖެޓް ކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދިޔައިރު، އެކޮމިޓީއިން ވަނީ އޮޑިޓާ ޖެނެރަލް އަދި ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދާފަ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ބަޖެޓް ފާސްކުރުމަށް ހުށަހެޅުއްވީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމެވެ. ޤާސިމްގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ. ސަޕްލިމެންޓަރީ ބަޖެޓް އޮތްގޮތަށް ފާސްކުރުމަށް ކޮމިޓީން ނިންމާފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންެގ އިއްތިފާގުންނެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ ޕީ.އެސް.އައި.ޕީ ނުވަތަ ތަރައްޤީގެ މަޝްރޫޢުތަކަށެވެ. މިގޮތުން 2 ބިލިއަން ރުފިޔާ ވަނީ މި ބަޔަށް ކަނޑައަޅާފައެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައިވާ ގޮތުން، މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އިތުރަށް 640.1 މިލިއަން ރުފިޔާ ލިބޭނެއެވެ. 2024 ވަނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިހާރު އިތުރުކުރެވޭ 640.1 މިލިއަން ރުފިޔާއާއެކު، މި އަހަރުގެ ޖުމްލަ އާމްދަނީ 34.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.