ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާތީ، އެކަން ހައްލުކުރެއްވުމަށް، ރާއްޖޭގެ ފަސްޓް ލޭޑީގެ ހައިސިއްޔަތުން މަސައްކަތްޕުޅުކުރައްވާނެ ކަމުގައި މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމްއެފްއެފްއެލްއައި) ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ސާޖިދާ ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތް ކަންބޮޑުވާ މިންވަރަށް މަތިވެފައިވާ ކަމަށެވެ.
އެހެންކަމުން މިއީ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި އަދި މިގޮންޖެހުންތަކުން އަރައިގަތުމަށް ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކޮށް، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރަން މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
އެގޮތުން ރާއްޖޭގައި މިހާރުވެސް ބައެއް ބަލިތަކުގެ ސްޕެޝަލިސްޓުންގެ ދަތިކަން ކުރިމަތިވެފައިވާ ކަމުގައި ވިދާޅުވެ، ހާއްސަކޮށް އޮންކޮލޮޖީ ނުވަތަ ކެންސަރުފަދަ ބަލިތަކުގެ ސްޕެޝަލިސްޓުން މަދުކަން މެޑަމް ސާޖިދާ ފާހަގަކުރެއްވި އެވެ.
ސާޖިދާ ވިދާޅުވީ އެފަދަ ފަރަގުތައް ނައްތާލުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ދަރިމައިވުމުގެ މައްސަލައިގައި ދިމާވާ ގޮންޖެހުންތަކާއި، ހާއްސަކޮށް މިކަމުގައި ދެމަފިރިންނަށް ކުރިމަތިވާ އިޖުތިމާއީ އަދި ނަފްސާނީ ދަތިތަކަށް ވެސް އެކަމަނާ އަލިއަޅުވާލެއްވި އެވެ.
މެރކް ފައުންޑޭޝަންގެ ކެމްޕޭންތަކަށް ތަޢުރީފު ކުރައްވައި އަދި ކޮންފަރެންސްގައި ފަސްޓް ލޭޑީންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަމަށް ތައުރީފުކުރައްވައި، މި ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.