ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ، 31 އޮކްޓޫބަރު 2024 ވީ ބުރާސްފަތި ދުވަހު އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުން، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި، އިލެކްޓްރޯނިކް ސިގިރެޓް އަދި މިފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްތަކާއި، ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓްތަކާއި، އެ އެއްޗެހީގެ ބައިބައި މި ޤާނޫނުގައި ބަޔާންކުރުން ހިމެނެއެވެ.
ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް؛
(ހ) މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތީގެ ޑިއުޓީ މިންވަރު: 200 އިންސައްތަ،
(ށ) ސިގިރެޓް؛
ޑިއުޓީ މިންވަރު: 50 އިންސައްތަ، އަދި ސިގިރެޓަކުން 8ރ. (އަށެއް ރުފިޔާ)،
(ނ) ބިޑި؛
ޑިއުޓީ މިންވަރު: 50 އިންސައްތަ، އަދި ބިޑިއަކުން 8ރ. (އަށެއް ރުފިޔާ)،
(ރ) އިލެކްޓްރޯނިކް ސިގިރެޓަށް ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުމަށް ބޭނުންކުރާ އެނޫންވެސް އާލާތްތަކަށް އަޅާ ފްލޭވަރ އާއި ކެމިކަލް؛
ޑިއުޓީ މިންވަރު: 50 އިންސައްތަ، އަދި މިލިލީޓަރަކަށް 8ރ. (އަށެއް ރުފިޔާ)،
(ބ) ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް)؛
-ޑިއުޓީ މިންވަރު: 50 އިންސައްތަ، އަދި ސްޓިކަކުން 8ރ. (އަށެއް ރުފިޔާ).
މީގެ އިތުރުން، 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރ 85 ގެ (ޒ) އަށްވެސް ވަނީ އިޞްލާޙު ގެންނަވާފައެވެ. އެގޮތުން އިލެކްޓްރޯނިކު ސިނގިރޭޓާއި މިފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓްތަކުން ނަގާ ޑިއުޓީގެ މިންވަރަކީ 200 އިންސައްތަކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް މުހިންމު އިޞްލާޙުތައް މި ޤާނޫނަށް ވަނީ ގެންވާފައެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ނުވަތަ އިޞްލާޙުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭކަމުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 1 ނޮވެންބަރު 2024 އިން ފެށިގެންނެވެ.