އެދުވަހުގެ ގައުމު ގޮމުން ގެންދިޔައީ ހިތްވަރުގަދަ ބަތަލުންނަށެވެ. ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ސާބިތުކަމާއެކު ޖިހާދުވާން ތައްޔާރަށް ތިބި ޚިދުމަތްތެރިންނަށެވެ. އެއީ ނޮވެމްބަރު 3، 1988 އެވެ. އެދުވަހަކީ ދިވެހި ރާއްޖެ ދުށް އެންމެ ނުރައްކާތެރި އެންމެ ބިރުވެރި އެއް ދުވަހެވެ. އެދުވަހު އެންމެ ސާބިތު އެންމެ ކެރޭ އެންމެ ހިތްވަރުގަދަ ބަތަލެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ރިޓަޔާރޑް މޫސާ އަލީ ޖަލީލެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް ރޭ އެރުވުމުން އޭނާގެ ޖަޒުބާތުގައި ޖެހުނެވެ. ރޮވުނެވެ. އުފަލުންނެވެ. މިއީ ރައީސް މުޢިއްޒު ގައުމަށްޓަކައި ކުރެއްވި އަގުހުރި މަސައްކަތެކެވެ. ނަސްރަށްޓަކައި ދެއްވި އިއްޒަތެކެވެ.
މޫސާ ޢަލީ ޖަލީލަށް އިއްޒަތް އެރުވުމުން ދިވެހިންގެ ގިނަ ބަޔަކު ތިބީ ޝުކުރުން ފުރިފައެވެ، މޫސާ ޢަލީ ޖަލީލުގެ ލޮލުން ކަރުނައައި މަންޒަރު ދެކެފައި ގިނަ ބަޔަކު ޖަޒުބާތުގައި ޖެހުނެވެ. އެެހެންވެ އެފޮޓޯ ދަނީ ސޯޝަލް މީޑިއާގައި އާދަޔަލާ ޚިލާފަށް ވައިރަލް ވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޢިއްޒަތް އެރުވުމަށް ނިންމެވީ، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ. ޚާއްޞަކޮށް، 1988 ނޮވެންބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމަށްޓަކައެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ ޖުލައި 3، 1980 ގަ ގައެވެ. އެމަނިކުފާނުގެ އިޚްލާޞްތެރި ޚިދުމަތާއި މަތިވެރި އަޚްލާޤުގެ ސަބަބުން، ނުވަ ކުލައާއި 11 މެޑެލް ލިބިވަޑައިގެންފައިވެއެވެ. މީގެ ތެރޭގައި އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚްލާޤީ ކުލަ ހިމެނެއެވެ. އަދި 3 ނޮވެންބަރުގެ މެޑެލް، ޖިހާދުގެ ރަތް މެޑެލް، އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ވެސް ހިމެނެއެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަކީ ދިވެހި ޢަސްކަރިއްޔާގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޢަސްކަރީ އެންމެ އިސް ކޮމާންޑަރެއްގެ މަޤާމާއި އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރައްވާފައިވެ އެވެ. އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.
މި ޢިއްޒަތް އެރުވީ ޤާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނު)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މިރޭ ޖަލްސާގައި ޢިއްޒަތް އެރުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު އިއްވާފައިވެއެވެ.
މި ޢިއްޒަތް އެރުވުމުގެ ޖަލްސާގައި ސަރުކާރުގެ އިސް ވަޒީރުންނާއި، ސިފައިންގެ އިސް އޮފިސަރުން، އަދި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މި ޢިއްޒަތް ލިބިވަޑައިގަތުމާ ގުޅިގެން ވިދާޅުވީ، މިއީ އެމަނިކުފާނުގެ ދިގު މުއްދަތުގެ ޚިދުމަތަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ދިވެހި ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި ﷲ އަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލުގެ ޚިދުމަތަކީ ދިވެހި ޤައުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ޚިދުމަތެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ހިތްވަރާއި ޤައުމީ ލޯބި އަންނަން އޮތް ޖީލުތަކަށް ވެސް ނަމޫނާއެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް ވިދާޅުވިއެވެ.
ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތަކީ ދިވެހިރާއްޖޭގައި އެރުވޭ އެންމެ މަތީ ދަރަޖައިގެ ޢިއްޒަތްތަކުގެ ތެރެއިން އެއް ޢިއްޒަތެވެ. މި ޢިއްޒަތް އެރުވެނީ ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށެވެ.