Ad

އިލެކްޝަން ކޮމިޝަނަށް ހަސީބު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަބްދުލް ހަސީބް އިސްލާއިލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ހަސީބު އައްޔަންކުރަނީ އީސީގެ މެންބަރުކަމުގެ މަގާމުގައި މިހާރު ހުންނެވި, އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އެވެ. އެ މަގާމަށް ހަސީބް އައްޔަންކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 14 ވަނަ ދުވަހެވެ.

ހަސީބަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއްތޯ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވި އެވެ.

އެ ކޮމިޓީއިން ވަނީ ހަސީބާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާ, ހަސީބާ އިންޓަވިއުކޮށްފަ އެވެ. ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު, މާފުށި ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވީ ޝަކުވާއެއް ލިބިފައި ނުވާ ކަމަށާއި އިންޓަވިއުއިން ހަސީބަށް 88.88 އިންސައްތަ މާކްސް ލިބިފައިވާ ކަމަށެވެ.

ހަސީބް އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

ހަސީބަކީ އިންޑިއާގެ ބެންގަލޫރުގެ ޔުނިވާސިޓީއަކުން ކޮމާސްއިން ބެޗްލާސް އަދި މެލޭސިއާގެ ޔުނިވާސިޓީއަކުން ބިޒްނަސްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ހަސީބް ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމްވެސް އަދާކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *