Ad

ގްރީން ޓެކްސް އާއި ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކްސް ބޮޑުކުރާ ބިލުތައް ރަައީސް ތަސްދީގު ކުރައްވައިފި

ގްރީން ޓެކްސް އާއި ޓީޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކުރި ބިލު ވަކިވަކިން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ގްރީން ޓެކްސް؛

ބިލުގެ ދަށުން، ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ނެގޭނެ އެވެ.

އެހެން ނަމަވެސް 50 ކޮޓަރިއަށް ވުރެ ދަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި ބޮލަކަށް ނެގޭނީ ތިން ޑޮލަރެެވެ.

އެހެން ނަމަވެސް ދެ އަހަރު ނުވާ ކުޑަކުދިން ގްރީން ޓެކްސްއިން އިސްތިސްނާވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ޢަދަދާއި، އެތަންތަނާބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް، ރައީސްގެ މަޝްވަރާއާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލައި އާންމުކޮށް ރައީސްގެ ހުއްދައާއެކު އެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވާ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

އެއާޕޯޓް ޓެކްސް:

މިދިޔަ މަހުގެ 31 ވަނަ  ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ބިލުގައި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ.

އެގޮތުން އަންނަ މަހުން ފެށިގެން  އިކޮނޮމީ ކުލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 އެމެރިކާ ޑޮލަރު ނެގޭނެ އެވެ.

އަދި ބިޒްނަސް ކުލާހުން ދަތުރުކުރާނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 އެމެރިކާ ޑޮލަރު އަދި ފަސްޓް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 240 އެމެރިކާ ޑޮލަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި ނެގޭނެ އެވެ.

އޭގެ އިތުރުން ޕްރައިވެޓް ޖެޓުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 480 އެމެރިކާ ޑޮލަރު، ޑިޕާޗާ ޓެކްސްގެ ގޮތުގައި ނެގޭނެ އެވެ.

ބިލުގައިވާ ގޮތުން އެއާޕޯޓް ސާވިސް ޗާޖް ނުވަތަ ޑިޕާޗާ ޓެކްސް ނުވަތަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުން ހުއްދަ ނޫން ފަރާތަކުން އެއިން ޓެކްސްއެއް ނުވަތަ ފީއެއް ނުވަތަ ހުއްދައޮވެ އިތުރަށް ޓެކްސްއެއް ނަގާފައިވާނަމަ އެ ފައިސާ ނެގި މުއްދަތަށް ނިސްބަތްވާ އެއާޕޯޓް ޓެޖްސް އާއި ފީގެ ބަޔާން މީރާއަށް ހުށަހަޅަންޖެހޭ މުއްދަތުގެ ކުރިން އެ ފައިސާ، އެ ފަސިންޖަރަށް އަނބުރާ ދޭންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

އަދި އެފަދައިން އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދޭހާ ހިނދަކު، އެ ފައިސާ މީރާއަށް ދައްކަން ޖެހޭ ގޮތަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

ޓީ.ޖީ.އެސް.ޓީ:

ޓީޖީއެސްޓީ ބޮޑުކުރާ ބިލަކީ 31 އޮކްޓޫބަރު 2024 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ ޖަލްސާގައި ފާސްކުރެެއްވި ބިލެކެވެ.

މި ބިލުގައި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގަމުން އަންނަ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ރޭޓަށް ވަނީ ބަދަލުގެންނަވާފައެވެ. އެ ގޮތުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްކަމަށް ބަލާ މުދަލާއި ޚިދުމަތްތަކުން 1 ޖަނަވަރީ 2023 އިން ފެށިގެން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ނަގަމުން އައި 16 އިންސައްތަ (ސޯޅަ ޕަސެންޓް) ނެގޭނީ 30 ޖޫން 2025 ގެ ނިޔަލަށް ކަމުގައި ވަނީ ބަޔާން ކުރައްވާފައެވެ. އަދި އޭގެފަހުން ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، 1 ޖުލައި 2025 އިން ފެށިގެން ޓީ.ޖީ.އެސް.ޓީ ރޭޓް 17 އިންސައްތައަށް (ސަތާރަ ޕަސެންޓަށް) އިތުރުވާނެކަމަށް ބިލުގައި ވަނީ ކަނޑައަޅުއްވާފައެވެ.

މީގެއިތުރުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ފިހާރަތައް، ޓޫރިޒަމް މުދަލެއް ނުވަތަ ޚިދުމަތެއްގެ ގޮތުގައި ޝަރުޠު ހަމަވާ ޚިދުމަތްތަކުގެ ތެރެއިން ވަނީ އިސްތިސްނާކުރައްވާފައެވެ. މި އިޞްލާޙުގެ ދަށުން، މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ކެފޭތައް ވެސް ވަނީ މި އިސްތިސްނާއަށް އިތުރުކުރައްވާފައެވެ.

މި ބިލު ފާސްވުމާ ގުޅިގެން މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވެސް ބިލުގައި ބަޔާންކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ، މި ބިލު މިއަދު ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި ވަނީ ޢަމަލުކުރަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *